އިންސާނާ ކާ ކާނާތަކަކީ އޭގެ ސަބަބުން އިންސާނާއަށް ފައިދާތަކާއި ގެއްލުންތަކެއްވެސް ކުރިމަތި ކުރުވާނޭ އެއްޗެކެވެ. ގިނަ ތައްޔާރީ ކާނާ ތަކަކީ އޭގެ ސަބަބުން ލިބޭ ފައިދާއަށްވުރެ، ލިބޭ ގެއްލުން ބޮޑު ކާނާތަކެކެވެ. ތާޒާ މޭވާއާއި ތަރުކާރީ އަކީ އޭގެސަބަބުން ލިބޭ ކުދިކުދި ގެއްލުންތަކަށްވުރެ ލިބޭ ފައިދާ މާ ބޮޑު ކާނާ ތަކަކެވެ. އިންސާނާގެ ދުޅަހެޔޮކަމަށް ދުޅަހެޔޮ ކާނާއަކީ މުހިންމު އެއްޗެކެވެ. ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށްވެސް އިންސާނާ ކައި އުޅޭ ކާނާ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެއާއި އެކު ބަރުދަން އިތުރު މީހުން، ބަރުދަން ލުއިކުރުމަށް ޑައިޓު ކުރެއެވެ. މިފަދައިން ޑައިޓު ކުރުމުގައި ގިނަ ބަޔަކު، ފޮނި ކާ އެއްޗެހިން މުޅިންހެން މަހުރޫމުވެއެވެ. އާދޭހެވެ! ޑައިޓު ކުރާނަމަ، ކޮންމެހެން ފޮނި އެއްޗެހި ނުކައި ހުންނަން ޖެހޭ ހެއްޔެވެ؟

ޑައިޓު ކުރުމަކީ ތަފާތު އެކި ގޮތްގޮތަށް ކުރެވޭ ކަމެކެވެ. ޑައިޓަކީ ހަމަ އެކަނި ބަރުދަން ލުއިކުރުމަށް ކުރާ ކަމެއްވެސް ނޫނެވެ. ބައެއް ބަލިތަކުގެ ސަބަބުންވެސް ޑައިޓު ކުރަން ޖެހިދާނެއެވެ. މި ލިޔުމުގައި މި ބަލައިލަނީ ބަރުދަން ލުއިކުރުމަށް ކުރާ ޑައިޓާއި މެދުގައެވެ. ކޮންމެ މީހަކުވެސް ބަރުދަން އިތުރުވުމުން ބަރުދަން ލުއިކުރުމަށް އެންމެ ފަސޭހައިން ކުރެވިދާނޭ އެއް ކަމަކީ ޑައިޓު ކުރުން ކަމުގައި ދެކެއެވެ. އެއާއި އެކު ތަފާތު އެކި ތަންތަނުން ތަފާތު އެކި ވައްތަރުގެ ޑައިޓުތައް ހޯދާ ބަލައެވެ. އަދި އެތަނުން އެމީހަކަށް އެންމެ ކަމުދާ ޑައިޓެއް އިހްތިޔާރު ކުރެއެވެ.

އާންމުގޮތެއްގައި ބަރުދަން އިތުރު މީހުންނީ ކެއުމަށް ޝައުގުވެރިކަން ހުންނަ މީހުންނެވެ. އެހެންކަމުން ކެއުމަށް ގެންނަ ބަދަލަކާއި އެކު ޑައިޓު ކުރަން ފެށުމަކީ އެމީހަކަށް އުނދަގޫ އިހުސާސްތަކެއް ކުރިމަތި ކުރުވާނޭ ކަމެކެވެ. ބަރުދަން ލުއިކުރަން ޑައިޓު ކުރާ މީހާ ޑައިޓު ކުރާނީ އޭނާގެ ހަޔާތުގައި ބާކީ ހުރި ދުވަސްތަކުގައި އެ ބަރުދަން ލުއިކޮށް ބެހެއްޓުމަށެވެ. ވަކި މުއްދަތެއްގައި ބަރުދަން ލުއިކޮށް ބެހެއްޓުމަށް އެކަކުވެސް ޑައިޓެއް ނުކުރާނެއެވެ. އެހެންކަމުން ތިމާ ކުރާ ޑައިޓަކީ އޭގެ ސަބަބުން ހަޔާތުގެ ބާކީ އޮތްދުވަހު، އެ ޑައިޓަކުން ހޯދާ ނަތީޖާ ދެމެހެއްޓޭފަދަ ޑައިޓަކަށް އެ ޑައިޓެއް ހަދަން ވާނެއެވެ.

ދިވެހިންގެ ތެރޭގައި ގިނަ މީހުންނީ ފޮނި ކާ އެއްޗެހި މީރު ބައެކެވެ. އެމީހުންގެ ކެެއުމުގައި ފޮނި ކާތަކެތި ގިނައިން ބޭނުން ކުރާ ބައެކެވެ. ހާއްސަކޮށް ކެއުމުގެ ފަހުގައެވެ. މިފަދައިން ކެއުން ބައްޓަންވެފައިވާ މީހަކު (ބަރުދަން އިތުރު މީހަކު) ޑައިޓު ކުރާއިރު، ފޮނިއެއްޗެއް އެއްގޮތަކަށްވެސް ނުކައި ހުރުމަކީ ހިތްދަތި އިހުސާސްތަކެއް ކުރެވޭނޭ ކަމެކެވެ. މި އިހުސާސްތަކުގެ ނަތީޖާ އަކަށް ވަނީ އެ ޑައިޓެއްގައި ދެމި ނުހުރެވުމެވެ. ނުވަތަ އެ ޑައިޓަކުން ހާސިލް ކުރާ ނަތީޖާ، ވަގުތީ އެއްޗަކަށްވެ މީހާގެ ބަރުދަން އިހު ހުރި ގޮތަށް (ދުވަސްތަކެއް ފަހުން) ރުޖޫއަވުމެވެ. މިއީ ޑައިޓުގެ ހަގީގީ މާނަ އޮޅިދާ ކަމެކެވެ.

އާދޭހެވެ! ކަން އޮތީ މިހެންކަމުން، ޑައިޓު ކުރާއިރު، ދޭތެރެ އަކުން މަދު މަދުން، ހިތުގެ އިހުސާސްތަކަށް ކެތް ކުރެވޭ މިންވަރަކަށް ފޮނި އެއްޗެއް ކެއަމަކުން ގޯހެއް ނެތެވެ. އަދި ކިއެއް ކާންވެސް ވާނެއެވެ. ކުރާ ހިތްވާ ކަމެއް، ކުއްލިއަކަށް ހުއްޓާލުމީ އޭގެ ސަބަބުން އެތައް ގެއްލުން ތަކެއް ނަފްސާނީގޮތުން ލިބޭނޭ ކަމެކެވެ. އެހެންކަމުން، ކުރާ ހިތްވާ، ޝައުގުވެރިވާ ކަމެއް މުޅިންހެން ދޫނުކޮށް، ޑައިޓު ކުރުމަކީ، އެ ޑައިޓުގައި ގިނަ ދުވަހު ދެމިހުރެވި، ޑައިޓުގެ ނަތީޖާ ދިގުމުއްދަތަށް ފެންނާނޭ ކަމެކެވެ.

ފޮނި އެއްޗެއްސަކީ އޭގެ ޠަބީއަތުގައި އިންސާނާ ބަރުކުރުމުގެ "ޝައުގު" ހުންނަ ކާނާ އެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ޑައިޓު ކުރާއިރު ފޮނި އެއްޗެހި ކެވޭ ނުވަތަ ކާ މިންވަރު މަދުކުރުން ރަނގަޅެވެ. އަދި ބުއްދިވެރިއެވެ. ނަމަވެސް މުޅިން ހުއްޓާލުމީ އޭގެ ސަބަބުން ދެމެހެއްޓެނިވި ނަތީޖާއެއް ލިބުމަށް އުނދަގޫވެ ބުރޫ އަރާނޭ ކަމެކެވެ. 

އާދޭހެވެ! މި ދަންނަވަނީ ޑައިޓު ކުރަމުން ފޮނި އެއްޗެހި ގިނައިން ކާށޭ އެއް ނޫނެވެ. މަދު ކުރާށެވެ! މުޅިން ނުކައި މަނާވެ ނުގަންނާށެވެ! ހިތްހަމަ ޖެހިގެން ޑައިޓު ކުރާށެވެ. ދެމެހެއްޓެނިވި ޑައިޓަކަށް އެ ޑައިޓެއް ވާނީ އޭރުންނެވެ. ބުއްދީގެ ހަމަ އަކީ މިއީއެވެ. ފޮތެއްގައި ލިޔެފާ އޮތީތީ ކަން ކުރުމަށްވުރެ، ހާލަތާއި އިހުސާސްތަކަށް ރިއާޔަތްކޮށް، ކަމުގެ ނަތީޖާ ހާސިލްކުރަން މަސައްކަތް ކުރުމީ ހިކުމަތްތެރިންގެ ރީތި އަހުލާގެކެވެ.