ކޮވިޑާއި ގުޅިގެން އާއްމު ދިރިއުޅުމަށް ވަނީ އެތައް ބަދަލު ތަކެއް ގެންނަން މަޖުބޫރު ވެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ އާންމު ދިރިއުޅުމުގައި މާސްކު އަޅައިގެން އުޅެންޖެހިފައިވާ އުޅުމެވެ. ނަމަވެސް މާސްކު އަޅައިގެން އުޅެން ޖެހުމުން ގިނަ ބަޔަކަށް ތަފާތު އުދަނގޫތަކާއި ކުރިމަތިވާ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ. އަދި ބައެއްފަހަރަށް މާސްކް ނާޅާ އުޅޭމީހުންގެ ފަރާތުން އުނދަގޫ އިހުސާސްތަކެއް ކުރެވުމުގެ ޝަކުވާއަކީވެސް ކުޑަ ޝަކުވާއެއް ނޫނެވެ.

މިގޮތުން އެންމެ ގިނަ ބަޔަކު ކުރާ ޝަކުވާއަކީ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކާން ތިބޭއިރު މާސްކު ނަގައިގެން ތިބެން ޖެހުމެވެ. އެފަދަ ތަންތަނަކީ ގިނަ މީހުން އެއްވާ ތަންތަނަށް ވާތީ، މާސްކު ނެގުން ރައްކާތެރި ނުވާނެ ކަމުގެ ޝަކުވާ އެވެ.

ދެކުނު ކޮރެއާއިން ވަނީ މިކަމަށް ހައްލެއް ހޯދައިދީފައެވެ. ފެބްރުއަރީ 4 ވަނަ ދުވަހުން ފެށިގެން އެގައުމުގައި ވަނީ ''ކޮސްކް'' ގެ ނަމުގައި ނޭފަތް އެކަނި ނިވާވާ މާސްކެއް އާންމުންނަށް ތަޢާރަފް ކޮށްފައެވެ. މިއީ ސީދާ ކެއުމަށް ހާއްސަކޮށްގެން އުފައްދާފައިވާ މާސްކެކެވެ.

''ކޮސްކް'' މި މާސްކުން ނިވާ ކުރެވެނީ ހަމައެކަނި ނޭފަތެވެ. އެހެންކަމުން މި މާސްކު އަޅައިގެން ހުރެ ވެސް ފަސޭހަ ކަމާއި އެކު ކެވޭނެއެވެ.

މި މާސްކު އެޅުމަށް ފަހު އޭގެމަތިން އާދައިގެ މާސްކު ވެސް އެޅޭނެއެވެ. އަދި ކާން ވުމުން އާދައިގެ މާސްކު ނެގުމުން ވެސް ''ކޮސްކް'' މާސްކުގެ ސަބަބުން ނޭފަތް ނިވައި ވެފައި ހުންނާނެއެވެ.

މި އުފެއްދުމަށް ފާޑކިޔާ ފަރާތްތަކުން ބުނާ ގޮތުވައި އަނގައިންވެސް އެތައް ޖަރާސީމެއް ބޭރުވާނެ ކަމާއި ނޭފަތް އެކަނި ބަންދުކޮށްގެން އެއްވެސް ނަތީޖާއެއް ނުނިކުންނާނޭ ކަމަށް ބުނެއެވެ. އަދި މިއީ ބަޔަކު ތަނަވަސްވެ ފުޅާވުމަށް އެބަޔަކު ފަށައިގެން އުޅޭ އޮޅުވާލުމުގެ ތެރެއިން އުފަންކުރުވާފައިވާ އެއްޗެއްކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.