ސްޕޮޓިފައި އިން ބާސެލޯނާގެ ރަސްމީ ޖާޒީ ސްޕޮންސާ ކުރުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރެކްވަން އިން ރިޕޯޓްކުރާގޮތުގައި ސްވިޑެން އަށް ނިސްބަތްވާ މިއުޒިކް ސްޓްރީމިން ކުންފުނި، ސްޕޮޓިފައި އިން ކުރިއަށް އޮތް ތިން ސީޒަނަށް ބާސެލޯނާގެ ޖާޒީ ސްޕޮންސާކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ އަގު 280 މިލިއަން ޔޫރޯ (320 މިލިއަން ޑޮލަރު) އަށް އަރާނެ އެވެ.

އަދި މި އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ދަނޑު، ކޭމްޕް ނޯ ގެ މެއިން ސްޕޮންސަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާނީ ސްޕޮޓިފައި އެވެ.

ބާސެލޯނާ އާއެކު ސްޕޮޓިފައި އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކްލަބުގެ ފިރިހެން ޓީމުގެ ކިޓްގެ އިތުރުން އަންހެން ޓީމު (ފެމެނީ)ގެ ޖާޒީގެ މެއިން ސްޕޮންސާއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.

މިހާރު ބާސެލޯނާގެ ރަސްމީ ޖާޒީ ސްޕޮންސާކޮށްދީފައިވާ ރަކުޓެންއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ބާސެލޯނާ އަށް އަހަރަކު ލިބެނީ 55 މިލިއަން ޔޫރޯ އެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެންމެ ފަހުން ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ބެލުމަށް ސްޕޮޓިފައިގެ ޑިރެކްޓަރުން  ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެ ޓީމުގައި އެ ކުންފުނީގެ ޑައިރެކްޓަރ ޖެނެރަލް ޑެނިއަލް އެކް ވެސް ހިމެނޭކަމަށެވެ.

އާސެނަލްގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެކް، މީގެކުރީން ވަނީ އެ ކްލަބު ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު، އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކާ ވަނީ އެ ކްލަބު ވިއްކާލަން ދެކޮޅު ހަދާފައެވެ.