އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސްގެ އަގު 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު ވާނެ ކަމަށް އޭނާގެ ކްލަބު ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީން ޝައުގުވެރިވާ ރައިސް, 23, އަކީ މުސްތަގުބަލުގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރެވިދާނެ ކުޅުންތެރިއެއް ކަމަށް ވެސް މޮއެސް ބުންޏެވެ.
"އިންޑިވިޖުއަލް ކުޅުންތެރިއެއްގެ ގޮތުގައި ދުވަހެއް ދުވަހަކަށް އޭނާގެ ކުޅުން ދަނީ ރަނގަޅުވަމުން. އެ އުމުރުގައި އޭނާ އަށް ލިބިފައިވާ ތަޖުރިބާ ނުހަނު ބޮޑު،"
"ވެސްޓް ހޭމްގައި ރައިސް އާއެކު ކުޅެމުން އަންނަ މާކް ނޯބަލްގެ އެހީތެރިކަމާއެކު އޭނާގެ ކެރިއަރަށް ރަނގަޅު ބަދަލުތަކެއް އައިސްފި." މޮއެސް ބުންޏެވެ.
މޮއެސް އިތުރަށް ބުނީ ރައިސް އާއެކު އިނގިރޭސި ގައުމީ ޓީމަށް ކުޅެމުން އަންނަ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކަހަލަ ކުޅުންތެރިންގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްކުރަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން މުސްތަގުބަލުގައި ގައުމީ ޓީމު ލީޑްކުރުމުގެ ފުރުޞަތު އޭނާ އަށް ބޮޑު ކަމަށެވެ.
"ޑެކްލަންއާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެއްކިއްޖެ. އޭނާ އަކީ ވެސްޓް ހޭމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް،" މޮއެސް ބުންޏެވެ.
ފަހަކަށްއައިސް އިނގިރޭސި ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ރައިސް ވަނީ ސީނިއާ ޓީމަށް ކުޅެދިން 27 މެޗުގައި ދެ ގޯލްޖަހައިދީފައެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިންގްލެންޑް ޓީމުގެ މިޑްފީލްޑްގައި މުހިއްމު ދައުރެއް އަދާކުރި ރައިސް ވަނީ ވެސްޓް ހޭމްގެ އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅެފައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 174 މެޗު ކުޅެ، ނުވަ ލަނޑުޖަހާފައެވެ.
ވެސްޓް ހޭމް އާއެކު ރައިސް ހަދާފައިވާ ކޮންޓްރެކްޓް ބާކީ ދެ އަހަރު އޮތްއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ކޮންމެ ކްލަބަކުން އޭނާ ގެންދިއުމަށް ބޭނުންވި ނަމަވެސް 100 މިލިއަން ޕައުންޑަށްވުރެ ކުޑަ އަގަކަށް ވެސްޓް ހޭމުން ވިއްކާނެ ކަމަށް ނުބެލެވެއެވެ.
