ބީ. ޕީ. އޭ އަކީ ސިނާޢީ ކެމިކަލްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މި ބާވަތް ވަރަށް ގިނަ ފަހަރަށް ކާބޯތަކެތީގެ ޒަރީޢާއިން އަހަރެމެންގެ ހަށިގަނޑަށް ވާޞިލުވެއެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ބީ. ޕީ. އޭ އަކީ "ވިހަ" އެކެވެ. އެހެންކަމުން މިއީ ކޮންމެހެން ވެސް ދުރުވާން ޖެހޭ އެއްޗެކެވެ.

ބިސްފިނޯލް-އޭ ނުވަތަ ބީ. ޕީ. އޭ އަކީ އާންމުކޮށް ކާތަކެތި ބަންދުކޮށްފައި ހުން ޕްލާސްޓިކް ކަންވާރު ނުވަތަ ސާފުތާހިރު ކަމަށް ބޭނުންކުރާ ސާމާނުގައި ހިމެނޭ ކެމިކަލްއެކެވެ. 1890 ގައި ފުރަތަމައަށް ފެނުނު މި ކެމިކަލް އަކީ ޕްލާސްޓިކްގެ އުމުރު ދިގުކޮށްދޭނެ އެއްޗެއްކަން އެނގިގެން ބޭނުން ކުރަން ފެށުނީ 1950 ގެ އަހަރު ތަކުގައެވެ. މިހާރަކަށް އައިސް ކާއެއްޗެހި ޕެކްކުރެވޭ ސާމާނުގެ އިތުރުން ތުއްތުކުދިންގެ ބުއްފުޅީގައި ވެސް ބީ. ޕީ. އޭ ހިމެނެއެވެ. މީގެ އިތުރުން ބީ.ޕީ. އޭ ހިމެނޭ ބާވަތްތަކުގެ ތެރޭގައި ދަޅުގައި ބަންދުކުރެވިފައިވާ ކާބޯތަކެތި، އަންހެނުންގެ ސާފުތާހިރުކަމަށް ބޭނުންކުރެވޭ ސާމާނު، ފެންވަރާ ރީތިވުމަށް ބޭނުންކުރާ ސާމާނު، ސީޑީ އަދި ޑީވީޑީ، ކުޅިވަރު ސާމާނު، ދަތުގައި އަޅާ ފުޓުނި އަދި ނަމްބަރު އައިނުގެ ލެސް ހިމެނެއެވެ.

ފާހަގަ ކޮށްލަން ޖެހޭ މުހިންމު އަނެއް ކަމަކީ ބީ.ޕީ.އޭ ފްރީ ބާވަތްތައް ކަމަށް ލޭބަލް ކުރެވިފައިވާ ތަކެތީގައި ބީ. ޕީ. އޭގެ ބަދަލުގައި  ބިސްފިނޯލް-އެސް ނުވަތަ ބިސްފިނޯލް-އެފް ބޭނުން ކުރެވިފައިވެއެވެ. މި ދެވާވަތަކީ ވެސް ހަމަ ގެއްލުންދެނިވި ދެ މާއްދާއެވެ. ޕްލާސްޓިކްގެ ބާވަތްތަކުގެ ލޭބަލްގައި 3، 7 އަދި އިނގިރޭސި އަކުރުން ޕީ. ސީ ލިޔެފައިވާނަމަ އޭގައި ބީ. ޕީ. އޭ ހިމެނުމަކީ ގާތްކަމެކެވެ.

ބީ. ޕީ. އޭ ބޭނުންކޮށްގެން ހެދިފައިވާ ތަކެތީގައި ބަންދުކޮށްފައިވާ ކާތަކެތީގެ ޒަރީއާއިން ވަރަށް ފަސޭހައިން ހަށިގަނޑަށް މި ކެމިކަލް ފޯރައެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ބަންދުކޮށްފައިވާ ތަކެތި ކެއުން 3 ދުވަހަކަށް ހުއްޓާލުމުން، ކުޑަކަމުދާތަކެތީގައި ބީ. ޕީ. އޭ ހިމެނޭ މިންވަރު 66 އިންސައްތައަށް ދަށަށް ދެއެވެ. އަނެއް ދިރާސާ އެއްގައި ދަޅުގައި ބަންދުކޮށްފައިވާ ސޫޕް 5 ދުވަހަށް ބުއިމީހުންގެ ކުޑަކަމުދާތަކެތީގައި ބީ. ޕީ. އޭ ހިމެނޭ މިންވަރު 1،221 އިންސައްތައަށް މަތިވެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ރިޕޯޓެއް ބުނާގޮތުން ނަމަ ހަމަ އެކަނި ގާތުން ދޭ ކުދިންގެ ހަށިގަނޑުގައި ބީ. ޕީ. އޭ ހިމެނޭ މިންވަރު، ބުއްފުޅިއަށް އަޅައިގެން ތައްޔާރީ ކިރުދޭ ކުދިންނަށްވުރެ 8 ގުނަ ދަށެވެ.

ބީ. ޕީ. އޭގެ ސަބަބުން ހަށިގަނޑުގެ އެކި ނިޒާމަށް ބަދަލު އައިސް ހެދިބޮޑުވުމަށް އަސަރުކޮށް، ސެލްތައް އަމިއްލައަށް އާ ވުން ހުއްޓި، ހަކަތަ މަދުވެ ދަރިމައިވުމަށް ހުރަސް އަޅައެވެ. މިހިސާބުން ގިނަބެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މިފަދަ ނުރައްކާތެރި އެއްޗެއް ނަމަ މަނާ ނުވަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ.

އީ ޔޫގެ ގައުމުތަކާއި ކެނެޑާ، ޗައިނާ އަދި މެލޭޝިޔާގައި ބީ. ޕީ. އޭ ބޭނުން ކުރުންވަނީ ކޮންޓްރޯލް ކުރެވިފައެވެ. ޚާއްސަކޮށް ތުއްތުކުދިންނާއި ކުޑަކުދިންގެ ބޭނުމަށް ތައްޔާރު ކުރެވޭ ތަކެތީގައި މި ބާވަތް ނުހިމެނުމަށް ވަނީ އެންގިފައެވެ.

ބީ. ޕީ އޭގެ ސަބަބުން ދަރިމައިވުމަށް އަސަރުކުރާކަން ޔަގީން ކުރުމަށް ކުރެވުނު ދިރާސާގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައިގެންގޮސްފައިވާ އަންހެނުންގެ ލެއިން އެނޫން އަންހެނުންނަށްވުރެ 3 ގުނަ އިތުރަށް ބީ. ޕީ. އޭ ވަނީ ފެނިފައެވެ. އަދި ދަރިމައިވުމަށް ފަރުވާ ހޯދަމުންދާ މީހުންގެ ލޭގައިވެސް ނިސްބަތުން ބީ. ޕީ. އޭ ހިމެނޭ އަދަދު މަތިކަމަށް މި ދިރާސާއިން ހާމަ ވިއެވެ. ޗައިނާގައި ބީ. ޕީ. އޭ ބޭނުންކުރާ ކާރުޚާނާއެއްގެ ފިރިހެނުންގެ މެދުގައި ހެދުނު ދިރާސާއެއްގައި އެމީހުންގެ ޖިންސީ ބާރު އެހެން މީހުނާ އަޅާބަލާއިރު 4.5 އިންސައްތަ ދަށްކަމަށްވަނީ ފާހަގަ ކުރެވިފައެވެ.

ގިނައިން ބީ. ޕީ. އޭ ހިމެނޭ ތަކެތި ބޭނުން ކުރާ މައިން ވިހާ ކުދިންގެ ބަރުދަން ދަށްވުމާއި، ބީ. ޕީ. އޭ ގެ ބާވަތްތައް ބޭނުން ކުރާ ކުޑަކުދިން ރުޅިގަދަ ވުމާއި، ޑިޕްރެސް ވުމުގެ އިތުރުން ހަލަނިކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ބީ. ޕީ. އޭގެ ސަބަބުން ކެންސަރަށް މަގުފަހިވެ، ބަރުދަން އިތުރު ހިތުގެ މައްސަލަތަކާ ގުޅުން ހުރި ކަމަށްވެސް އެކި ދިރާސާއިން ވަނީ ހާމަވެފައެވެ. މީގެ އިތުރުންވެސް އެތައް ގިނަ ސިއްޙީ މައްސަލައެއް ބީ. ޕީ. އޭގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ.

މިކަމުން ރައްކާތެރިވުމަށް ބަންދުކުރެވިފައިވާ ތަކެތި ކެއުން މަދުކޮށް، ބިއްލޫރި ފުޅީގައި ފެންބޯން އާދަކޮށް، މައިކްރޯވޭވްކޮށްގެން ކެއުމުން ދުރުހެލިވެ ބީ. ޕީ. އޭ ހިމެނޭ ތަކެތި ބޭނުން ކުރުން ހުއްޓާލުން ބުއްދިވެރިއެވެ.