ކޮޕާ އިޓާލިއާގެ ކުއާޓާ ފައިނަލްގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން އޭއެސް ރޯމާ ބަލިކޮށް އިންޓަ މިލާނުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެމީގައި އިންޓަ ކުޅެން ޖެހޭނީ މިރޭ ކުޅެވޭ ކުއާޓާ ފައިނަލްގައި ލާޒިއޯއާ އޭސީ މިލާން ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

ސެން ސީރޯގައި ރޭ ކުޅުނު މެޗު ފެށިގެން ދެ މިނެޓުގެ ތެރޭގައި އިންޓަ އަށް ލީޑްނަގައިދިނީ އެޑިން ޖެކޯ އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޖެކޯ ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެ ހަތަރު މިނެޓުފަހުން، އިންޓަގެ ލީޑް ފުޅާކޮށްދޭން އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ގޯލާއި ދުރުން ބަރެއްލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އިންޓަ އަށް މޮޅު ކަށަވަރުކޮށްދިނީ ޗިލީގެ ވިންގާ އަލެކްސިސް ސަންޗޭޒް އެވެ. މިއީ މިފަހަރުގެ ސީޒަނުގައި ސަންޗޭޒް ކާމިޔާބުކުރި ހަވަނަ ގޯލެވެ. މި މެޗު ނިމެން ދަނިކޮށް ރޯމާގެ ފޯވާޑް ޓެމީ އެބްރަހަމް އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އުމުރުން 19 އަހަރުގެ ގާނާ ފޯވާޑް ފެލިކްސް އަފޭނާ-ޖިޔާން އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުރިއަށްހުރި އިތުރު މެޗުތަކަށް ބަލާއިރު އެޓަލާންޓާއާ ދެކޮޅަށް ފިއޮރެންޓީނާ ނިކުންނައިރު، ޔުވެންޓަސް ނިކުންނާނީ ސަސުއޯލޯއާ ދެކޮޅަށެވެ.