އަންހެނުން ބުރުގާ އެޅުމާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ހިންދޫންގެ ޖަމާއަތަކާއި، އެކަނި ކުރިމަތިލާ ހިތްވަރާއި ސާބިތުކަން ދެއްކި އަންހެނަކަށް ގިނަބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އިންޑިއާގެ ދެކުނު ކަރްނާޓަކާ އަވަށުގައި ހިނގި މި ހާދިސާގެ ވީޑިއޯއެއް މީސްމީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މުސްކާން ހާން ނަމަކަށް ކިޔާ އެ ޒުވާނާ ކިޔަވަންދާ ކޮލެޖު ކައިރީގައި ބުރުގާ އެޅުމާ ދެކޮޅަށް އަޑުއުފުލާ ހިންދޫއިންގެ ދީނީ ޝިއާރުތަކެއް ދިޔައީ ފާޅު ކުރަމުންނެވެ. 

މުސްކާން ބުނާ ގޮތުގައި އޭނާ ކޮލެޖަށް ދިޔައީ އެސައިންމަންޓެއް ހުށަހަޅާށެވެ. އަދި އޭނާ ބުރުގާ އަޅައިގެން ހުރުމުން ކޮލެޖަށް ވަންނަން އެމީހުން ހުރަސް އެޅިއެވެ. އެއަށްފަހު އެމީހުންގެ ހިންދޫ ދީނުގެ ޝުއޫރުތަކެއް ފާޅުކުރަމުން ދިޔައެވެ. އެއަށް ރައްދުދީ މުސްކާން ވަނީ "الله އަކްބަރު" ކިޔާ ތަކުރީބުރުގެ އަޑުން ހިތްވަރާއި ސާބިތުކަން ދައްކާފައެވެ.

އެ ހާދިސާގައި އެއްވެ ހަޅޭލަވަމުން ދިޔަ ގިނަ މީހުންނީ މުސްކާން ވެސް ނިސްބަތްވާ ކޮލެޖުގެ ދަރިވަރުންނެވެ.

މުސްލިމު އަންހެނުން ބުރުގާ އެޅުން އިންޑިއާގައި މަނާކުރަން ފެށުމުން، މުސްލިމުން ދަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް ހިންދޫން ދަނީ، މުސްލިމު އަންހެނުން ސްކޫލުތަކަށް ވެއްދުން މަނާކޮށް، އެކަމަށް ހުރަސް އަޅަމުންނެވެ.