ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެޗުގެ އިތުރުވަގުތުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވައްދާލި ލަނޑުން ރެނެސް އަތުން 1-0 އިން ޕީއެސްޖީ މޮޅުވެއްޖެއެވެ.
މިއީ މިފަހަރުގެ ސީޒަނުގެ ލީގުގައި ޕީއެސްޖީން ޖެހިޖެހިގެން ބަލިނުވެ ހަމަކުރި 15 ވަނަ މެޗެވެ. އޭގެތެރެއިން 10 މެޗުން މޮޅުވެފައިވާއިރު، 5 މެޗުން ވަނީ އެއްވަރުވެފައެވެ.
މި ނަތީޖާއާއެކު ޕީއެސްޖީން ވަނީ ލީގުގެ އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑެއްނަގާފައެވެ. އެ ޓީމަށް ކުޅުނު 24 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި 23 މެޗުން ލިބުނު 43 ޕޮއިންޓާއެކު އޮތީ އޮލިމްޕިކް މާސޭ އެވެ. ތިންވަނައިގައި އޮތް ނީސް އަށް 23 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ސްޓްރަސްބޯގް ހަތަރުވަނައިގައި އޮތީ 23 މެޗުން 38 ޕޮއިންޓް ހަމަކޮށްގެންނެވެ.
ރޭގެ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ރެނެސްގެ ފޯވާޑް ބެންޖަމިން ބޯރިޖޯ ފޮނުވާލި ހަމަލާ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރިއިރު، އޭގެފަހުން އެ ޓީމުގެ ސަންޓާމަރިއާ ގޯލް ކުރިމަތީ ހުހަށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ދިން ތުރޫ ޕާހަކުން އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އޭގެފަހުން، ރީބައުންސްގައި ޒަވީ ސިމޯންސް އެ ބޯޅަ ފޮނުވާލުމުން ރެނެސްގެ ކީޕަރު ޑޯގަން އަލެމްޑާރް ވަނީ ހުއްޓުވާފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި އެމްބާޕޭ ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. ޕީއެސްޖީން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ލިއޮނަލް މެސީ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީ އަށް ދެން އޮތީ މި މަހުގެ 16 ވާ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.
