ކޮވިޑް 19 ޖެހި ހާލު ސީރިއަސްވުމުގެ ސަބަބުން ފަރުވާދެމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.

އިސްމާއިލް ޒަކަރިއްޔާގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ. އެގިފައިވާ ގޮތުގައި އިސްމާއިލް ޒަކަރިއްޔާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.

އިސްމާއިލް ޒަކަރިޔާގެ ދަރިކަލުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިސްމާއިލް ޒަކަރިޔާ އަވަހާރަވެފައިވާ ކަމަށެވެ.

އިސްމާއިލް ޒަކަރިއްޔާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. އޭގެ ފަހުން އެމަނިކުފާނުގެ ހާލުކޮޅު ސިީރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދިނެވެ.

އިސްމާއިލް ޒަކަރިއްޔާ ވަނީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އިސްމާއިލް ޒަކައްރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގަ އެވެ.

އިސްމާއިލް ޒަކަރިޔާ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 33އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 9،173 މީހުންނަށް ބަލި ޖެހުނުއިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.