ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި މިރޭ އިތުރުވަގުތުގެ ފަހު ހާފުގައި ކައީ ހަވާޓްޒް ވައްދާލި ޕެނަލްޓީއާއެކު ޕަލްމެއިރާސްގެ މައްޗަށް 2-1 އިން ކުރިހޯދައި ޗެލްސީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ޗެލްސީން، ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އަބޫ ދާބީގައި ހުންނަ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފު ނިމެން ދަނިކޮށް ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ޗެލްސީން ލީޑްނެގީ ކެލުމް ހަޑްސަން-އޮޑޯއީ ނެގި ހުރަހަކުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ޗެލްސީގެ ލީޑް ފުޅާކޮށްދިނުމަށް އެމެރިކާގެ ވިންގާ ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ޕަލްމެއިރާސް އިން އެއްވަރުކުރި ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަފައެލް ވެއިގާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ، މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ދެން ކުޅެވުނު 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ ކުޅުން ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޗެލްސީ މޮޅުވީ ޖަރުމަނުގެ މިޑްފީލްޑަރު ހަވާޓްޒް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޕަލްމެއިރާސްގެ ލުއާން ގާސިއާގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދޭން ނިންމީ ވެސް ވީއޭއާރް އިން ބެލުމަށްފަހު އެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެ ހާފުގެ ކުޅުން ހަމަވެގެން ދެއްކި އިންޖަރީ ޓައިމްގެ ހަތަރުވަނަ މިނެޓުގައި ލުއާން އަށް ސީދާ ރަތެއް ދެއްކުމުން ޕަލްމެއިރާސް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ލުއާން އަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ދެވަނަ ލަނޑުޖަހައިދިން ހަވާޓްޒް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވިއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
