ދަތާއި ދަތްތަކުގެ ރީތިކަމަކީ ކޮންމެ މީހަކުވެސް ސަމާލުކަން ދޭނޭ ކަމެކެވެ. ދަތްތައް ރީތިކޮށް ބެހެއްޓުމަށް އެންމެންވެސް ބޭނުންވާނެއެވެ. އިހުޒަމާނުގައި ދަތް އުނގުޅާ އުޅެނީ ގަސްގަހުގެ ދަނޑިކޯކޮޅުން ނުވަތަ ވެލިންނެވެ. މިއަދު މި ނިޒާމު މިވަނީ ބުރުހާ ބޭސްފުޅިއަށް ބަދަލުވެފައެވެ. ތަފާތު އެކި ވައްތަރުގެ ބޭސްފުޅިތަކާއި ބުރުސްތައްވެސް މަދެއް ނޫނެވެ. އަދި ދަތްތައް ސާފުކޮށް ބަހައްޓައިދޭނޭ އެކި އެކި އުކުޅު ނުވަތަ "ލައިފް ހެކް" ތައް ވެސް މިހާރު ވަރަށް ގިނައެވެ.

ދަތްތަކުގެ ހުދުކަން ނުވަތަ އަލިކަން ދެމެހެއްޓުމަށް ޗާކޯލް ބޭނުން ކުރުމަކީ ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. ޗާކޯލުން ނުވަތަ ޗާކޯލުހެ މާއްދާއެއް ހިމަނައިގެން އުފައްދާފައި ހުންނަ ދަތްއުނގުޅާ ބޭސްވެސް ހުރެއެވެ. ނަމަވެސް މަޝްހޫތު ހެލްތްލައިން މަޖައްލާގައި 2018ވަނަ އަހަރު ޑޮކްޓަރު ކްރިސްޓިއަން ފްރެންކް ލިޔެފައިވާ ގޮތުގައި ޗާކޯލަކީ އެންމެ އެދެވޭ މާއްދާއެއް ނޫނެވެ. މި ލިޔުމުގައި މި ބަލައިލަނީ ޑޮކްޓަރު ފްރެންކް ފާހަގަ ކުރި މި ކަންތައްތަކެވެ.

ދަތް އުނގުޅަން ބޭނުން ކުރާ ޗާކޯލަކީ އެކްޓިވޭޓެޑް ޗާކޯލެވެ. ނަމަވެސް މިއީ ކޮންމެ ދުވަހަކު ގަވައިދުން ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. އެހެނީ ޗާކޯލުގެ ސަބަބުން ދަތުގެ ބޭރުގައި ލެވިފައިވާ ހަރު ފަށަލައަށް ގެއްލުން ލިބި، ތުނިވެދާނެއެވެ. އަދި ދަތުގައި ހުންނަ ޑެންޓިން ނަމަކަށް ކިޔާ ރީނދޫ ކުލައިގެ ކެލްޝިއަމް ޓިޝޫތަކެއް ސެންސިޓިވް ވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. އެއާއި އެކު ދަތުގެ ރީނދޫކަން ގަދަވުމުގެ ފުރުސަތުވެސް އޮވެއެވެ. ފްލޮރައިޑް ގެ މާއްދާއަކީ ދަތުގެ ބޭރުގައިވާ ހަރު ފަށަލަ ގަދަ ކޮށްދޭ މާއްދާއެކެވެ. އެ ލިޔުމުގައި ބުނާގޮތުން ޗާކޯލުގައި އެ މާއްދާ ނެތުމުން ނުވަތަ އުނިވުމުން، ގަވައިދުން ޗާކޯލުގެ ބޭނުންކުރެވި ދަތް އުނގުޅޭނަމަ، ދަތްފަނިކެއުމަށް މަގުފަހިވެދާނެއެވެ. ޗާކޯލުގެ ތާސީރު ހުންނަ ގޮތުން ދެ ދަތްދޭތެރޭގައި އަދި ދަތްތަކުގައި ހުންނަ ކުދި ކުދި ރެނދުތަކުގައި ހަރުލާފައި ހުރުމަކީ ވަރަަށްވެސް ފަސޭހަ ކަމެކެވެ.

ކަންމިހެން ހުރިނަމަވެސް ޗާކޯލުންވެސް ދަތްތައް ސާފުވުމަށް އެހީތެރިކަމެއް ފޯރާނެއެވެ. އެގޮތުން އެ ލިޔުމުގައި ފާހަގަ ކުރާގޮތުން ޗާކޯލުގެ ސަބަބުން ދަތްތައް ސާފުވުމަށްވުރެ، ދަތްތަކުގައި އިތުރު ހަޑިކަމެއް ނުވަތަ އެއްޗެއް ހޭކުމުން ދުރުކޮށްދެއެވެ. އަދި އަނގައިގެ ތެރެއިން އުފެދޭ ނުވަތަ ނުކުންނަ ނުބައި ވަސް ހުއްޓުވުމަށްވެސް ޗާކޯލާއި ޗާކޯލުގެ ބްރޭންޑްތަކުން އެހީތެރިވެދެއެވެ.

ޑޮކްޓަރ ފްރެންކް ފާހަގަ ކުރާގޮތުގައި ޗާކޯލުން ދަތް އުނގުޅުމާ ބެހޭ އަދިވެސް އެތައް ދިރާސާތަކެއް ކުރަން ޖެހޭނެއެވެ. އަދާހަމައަށް ހޯދިފައިވާ ހޯދުންތަކުން ބުނެދެވޭ ވާހަކަ ތަކަކީ މިއީއެވެ. ޗާކޯލުން ގަވައިދުން ދަތް އުނގުޅާނަމަ މިއީ ގެއްލުން ހުރި އެއްޗެކެވެ. "ލައިފް ހެކެއް" ކަމަކި މިއީ އާންމުކޮށް ކުރުން އެދެވޭ ކަމެއް ނޫނެވެ. މީސް މީޑިޔާގައި މިފަދަ އެތައް ވީޑިއޯ އަކާއި އިޝްތިހާރު ތަކެއް އާންމުވެ، އާންމުން މިކަމުގެ ތެރެއަށް މަޝްއޫލުވެދާނެތީ ކަމާ ބެހޭގޮތުން ޑަކްޓަރަކު ފާހަގަކޮށްފައި ހުރި ކަންކަން ހިއްސާކޮށްލީއެވެ. ދަތް އުނގުޅުމަށް ކިތަންމެ ކިތަންމެ ބާވަތެއް ބޭނުން ކުރެވޭ އިރު، ޑަކްޓަރުން ސުވާލު އުފައްދާ އެއްޗެއް ގަވައިދުން ބޭނުން ކުރުން ރަނގެއް ނޫނެވެ.