ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ލަނޑުން ރެއާލް މެޑްރިޑް އަތުން 1-0 އިން ޕީއެސްޖީ މޮޅުވިއިރު، ރަށުން ބޭރުގައި ސްޕޯޓިން ލިޒްބަން އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ ވަނީ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ނުކުޅެވުނުއިރު، ދާދިފަހުން އަނިޔާއިން ރަނގަޅުވި އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ފެށީ ބެންޗުންނެވެ. ރެއާލުން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން އެ ޓީމު އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކެއް ގެއްލުނު ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ޕެރިހުގެ ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މެޗު ފެށިގެން ޕީއެސްޖީން ޑޮމިނޭޓްކުރި ނަމަވެސް، ފުރަތަމަ ހާފުގައި ރެއާލްގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑްނަގައިދޭން އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެމްބާޕޭ އަށް ރެއާލްގެ ފުލްބެކް ޑެނީ ކަރްވަހާލް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ މެސީ ފޮނުވާލުމުން ރެއާލްގެ ކީޕަރު ކޯޓުއާ މަތަކުރިއެވެ.
ދެވަނަ ހާފުގެ ފަހު 20 މިނެޓަށް ޕީއެސްޖީން ނޭމާ ކުޅެން އެރުވުމުން ރެއާލްގެ ޑިފެންސަށް ދިޔައީ ބާރު ބޮޑުވަމުންނެވެ. މި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ޕީއެސްޖީގެ ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކޮށްދިނީ ވެސް ނޭމާ ދިން ބޯޅައަކުންނެވެ.
ރެއާލްގެ ދަނޑުގައި މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާރިޗް މަހުގެ ނުވަވަނަ ދުވަހު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބަލިވި ސިޓީން ވަނީ ލިޒްބަންގެ ދަނޑުގައި އެ ޓީމު ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑުޖަހާފައެވެ. މީގެތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ވިންގާ ބެނާޑޯ ސިލްވާ އެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ ރިޔާދް މާރޭޒް އާއި ފިލް ފޯޑެން އެވެ.
ދެވަނަ ހާފުގައި ސިޓީން ކާމިޔާބުކުރި ލަނޑުޖަހައިދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ. ލީގުގައި އެންމެ ފަހުން ނޯވިޗް ސިޓީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި ސްޓާލިން ވަނީ ހެޓްރިކް ހަދާފައެވެ. ރޭގެ މެޗަށް ސިޓީ ނިކުތްއިރު އެ ޓީމުގެ އިނގިރޭސި ފުލްބެކް ކައިލް ވޯކާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނެވެ. މި މެޗުގައި ސިޓީން ބޮޑު ތަފާތަކުން މޮޅުވުމާއެކު އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ އަށް ދަތުރުކުރެވޭނެއެވެ.
