ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓް ބިލް ބޮޑުވާތީ، އާއްމުން ހޭލުންތެރި ކުރުމަށް ހާއްސަ ކެމްޕޭނެއް ސްޓެލްކޯއިން ފަށައިފި އެވެ.
ސޭވް އެނާޖީ ކެމްޕޭނަކީ ހޫނު މޫސުމުގައި ގިނަ ގެތަކުން ކަރަންޓު ބިލު ބޮޑުވާތީ ކަރަންޓު ހަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އާންމުން ހޭލުންތެރި ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސްޓެލްކޯ އިން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓު ބިލުތައް ބޮޑުވުމުގެ މައްސަލަ ތަކުރާރުވާ ކަމަށާއި އެކަމުގެ ޝަކުވާތައް އާންމު ފަރާތްތަކުން ކުރާ ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު އާންމުން ހޭލުންތެރިކުރުމަށް ހިންގާފައިވާ ކެމްޕެެއިންތަކުގެ ސަބަބުން މި ޝަކުވާތައް މިހާރު މަދުވެފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓް ބިލުތައް ބޮޑުކަމުގެ ޝަކުވާތައް ލިބޭ ކަމަށެވެ. މިއީ ހޫނު ވުމުގެ ސަބަބުން އަންނަ ބަދަލެއް ކަމަށާއި އެ ކުންފުނީގެ ކެމްޕޭނާ އެކު ޝަކުވާތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވި ގޮތުގައި ހޫނު މޫސުމުގައި ވެސް ރަނގަޅު ގޮތުގައި ކަރަންޓް ބޭނުން ކުރެވިއްޖެ ނަމަ ބިލު 15 ޕަސެންޓަށް ދަށްވާނެ އެވެ. އަދި މިކަން ކުރުމަށް ސްޓެލްކޯ އިން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ވަނީ މި ކެމްޕޭނުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ނިންމައިފަ އެވެ. މި ހުރިހާ ހަރަކާތެއްގައި ވެސް ކަރަންޓް ހޭދަކުރުމާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.
މިއަހަރުގެ އެނާޖީ ސޭވިން ކެމްޕެއިންގެ ދަށުން ސްޓެލްކޯ އިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފައެވެ. އެގޮތުން އެންމެ ބޮޑަށް ކަރަންޓު އިގުތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކުރުމާއި ސްޓެލްކޯ "މާ ޓީވީ" ގެ އިތުރުން މާލޭގެ ސަރަހައްދުތަކުގައި އިތުރު އައުޓްޑޯ ބިލްބޯޑުތަކެއް ހަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުން ހިމެނެއެވެ.
އޭގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުން އި އިންޖިނިއަރިންގެ ދާއިރާއަށް އަހުލުވެރި ކުރުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމާއި، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް އެނާޖީ ސޭވިންއާ ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުފާވެރި މާހައުލެއްގެ ތެރެއިން ކަރަންޓު ބިލު ކުޑަކުރުމަށް މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް އާއިލީ ހަވީރުތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
