ނިންޖަކީ އިންްސާނާގެ ދިރިހުރުމަށް ވަރަަށްވެސް މުހިންމު ކަމެކެވެ. އަސާސީ ކަމެކެވެ. ނިންޖަކީ ހަށިގަނޑުގެ ގުނަވަންތަކާއި ހަތައިތަކަށް (ސެލްތަކަށް) އަރާމާއި، އިއާދަވުމުގެ ހަކަތަ ލިއްބައިދޭ ކަމެކެވެ. ގުނަވަންތަކުގެ ވަރުބަލި ކަމާއި ބުރަކަން ފިލުވާލަދޭ ކަމެކެވެ. އެގޮތުން ގުރުދާގެ މަސައްކަތުގެ ތަރުތީބުގައިވެސް ނިންޖަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ރޭގަނޑުގެ ނިންޖެވެ. ދުވާލުގެ ނިންޖަށްވުރެ ރޭގަނޑު ނިންޖަކީ އެތައް ގުނައަކުން ފައިދާކުރަނިވި ނިންޖެކެވެ. ރޭގަނޑުގެ ނިންޖަކީ އަނެއް ދުވަހުގެ ހެލިފެލިވުމާއި ހަރަކާތްތެރިވުމުގެ ކުރިން އެ ދުވަހަށް ގުރުދާ ތައްޔާރުވާން ގުރުދާއަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

އިންސާނާ ނިދާފަައި އޮންނަ ވަގުތުތަކާއި ހޭލާ ހުންނަ ވަގުތު ތަކުގައި ގުރުދާގެ މަސައްކަތްތަކުގައި ތަފާތު ކަމެއް ހުންނާނެއެވެ. އަދި އެ ގުރުދާގެ "ހާޖަަތްތައް" ވެސް ތަފާތުވާނެއެވެ. އާދޭހެވެ! އިންސާނާގެ ނިންޖާއި ގުރުދާގެ ދުޅަހެޔޮކަމަކީ ވަރަށްވެސް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ހަމަ ނިދި ނުނިދާ މީހާ ނުވަތަ ނިދި މަދު މީހާއީ ގުރުދާގެ ބަލިތަކަށް ހުށަހެޅުމުގައި ފަސޭހަ މީހެކެވެ. މިކަމަށް ހެކި ދެނީ ބޮސްޓަން ބްރިހަމް އެންޑް ވުމަންސް ހޮސްޕިޓަކުގެ ދިރާސާވެރިންގެ ޓީމަކުން ހެދި ދިރާސާއެކެވެ. މި ލިޔުމުގައި މި ދިރާސާގެ ނަތީޖާ ހިއްސާކޮށްލާނަމެވެ.

މި ދިރާސާގައި ތަފާތު އެކި އެކި މީހުން ވަނީ ބައިވެރިވެފައެވެ. މި ދިރާސާގެ ފުރަތަމަ ބައިގައި ބަލާފައިވަނީ ރޭގަނޑުގެ ނިދުމުގައި 4 ގަޑިއިރާއި 5 ގަޑިއިރުގެ ނިދުން ނިދާ މީހުންގެ ގުރުދާގެ ދުޅަހެޔޮކަމަށެވެ. އެގޮތުން އެ ދިރާސާގައި ހިމަނާފައިވާ ފަރާތްތަކުގެ 65 އިންސައްތަ މީހުންގެ ގުރުދާގެ މަސައްކަތުގެ ހަލުއިކަމާއި ގުރުދާގެ ދުޅަހެޔޮކަން ދަށްވަމުންދާކަން ފާހަގަ ކުރެވިފައި ވެއެވެ. މި ދިރާސާގައި ބުނެފައިވާގޮތުން ގުރުދާގެ ދުޅަހެޔޮކަމަށް އެންމެ "ހެޔޮވަރީ" ރޭގަނޑުގެ 6 ގަޑިއިރާއި 7 ގަޑިއިރުގެ ނިންޖެވެ. އެހެނީ މި ދިރާސާގެ ދެވަނަ ބައިގައި ބަލާފައިވަނީ ނިދީގައި 6 އަކާއި 7 ގަޑިއިރު ހޭދަކުރާ މީހުންގެ ގުރުދާގެ ދުޅަހެޔޮކަމަށެވެ. މިބައިމީހުންގެ ގުރުދާގެ ދުޅަހެޔޮކަމުގައި 5 އިންސައްތައިގެ ދަށްވުމެއް ފެންނަން ހުރިކަމަށް ހާމަކޮށްފައި ވެއެވެ. ނަމަވެސް މި 5 އިންސައްތައަކީ އެކި އެކި އެހެން ހާލަތްތަކުގެ ސަބަބުން އައިސްފައިވާ ބަދަލެއްކަމަށްވެސް އެ ދިރާސާގައި ބުނެފައި ވެއެވެ. މީގެ އިތުރުން މި ދިރާސާގައި ބުނެފައިވަނީ ނިދި ގިނަ ކުރުން ނުވަތަ ނިދާފައި އޮންނަ ވަގުތު 7 ގަޑިއިރަށްވުރެ އިތުރުކުރުމަކީ ގުރުދާގެ ދުޅަހެޔޮކަން އިތުރުވާނޭ ކަމެއް ނޫން ކަމަށެވެ.

ހިތުގެ ހިނގުން ނުހުއްޓި ހިނގާފަދައިން ގުރުދާގެ މަސައްކަތަކީވެސް ނުހުއްޓި ހިނގާ މަސައްކަތަކެވެ. އެހެންކަމުން އެ ގުނަވަނަށް އަރާމާއި އިއާދަވުމުގެ ހަަކަތަ ލިބެން ޖެހޭނެއެވެ. ނޫންނަމަ އެ ގުނަވަނުގެ މަސައްކަތްތަކުގައި ބުރަބޮޑުވެ، އެ ގުނަވަނަށް ކެތްނުވާ ވަރުވެދާނެއެވެ. ކުޑަކަމުދާނިޒާމާ ބެހޭ ގިނަ ޑަކްޓަރުންވެސް ފާހަގަ ކުރާ ގޮތުގައި ނިންޖަކީ ގުރުދާގެ މަސައްކަތްތައް ތަރުތީބުވެ ހިނގުމަށް ވަރަށްވެސް މުހިންމު ކަމެކެވެ.