އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 1-0 އިން ބާންލީ ބަލިކޮށް ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފައެވެ. ސިޓީ، އެއްވަނައިގައި އޮތީ 25 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޗެލްސީ އެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް 25 މެޗުން ލިބުނު 41 ޕޮއިންޓާއެކު އޮތީ ހަތަރުވަނައިގައެވެ.
ލިވަޕޫލުން މިރޭގެ މެޗަށް ނިކުތީ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ފަހު މިސްރުގެ މުހައްމަދު ސަލާހު އާއި ސެނެގޯލްގެ ސަޑިއޯ މާނޭ، ފުރަތަމަ ފަހަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ބާންލީގެ ޓާފް މޫރ ގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. އޭގެކުރީން، ބާންލީގެ ޖޯޝް ބްރައުންހިލް އާއި ޖޭ ރޮޑްރިގޭޒް ފޮނުވާލި ދެ ހަމަލާ ވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބާންލީ އިން އެއްވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ބެން މީ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ބްރައުންހިލް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެލިސަން އެވެ. ލިވަޕޫލަށް ދެވަނަ ގޯލެއް ޖަަހައިދޭން ބްރެޒިލްގެ ފޯވާޑް ރޮބާޓް ފިރްމީނޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ލީގުގައި މިރޭ ރެލިގޭޝަން ޒޯންގައި އޮތް ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ކިއެރަން ޓްރިޕިއާ އެވެ.
ވުލްވްސް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި އިތުރު މައްސަލަތައް ކުރިމަތިވިއިރު ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް ވަނީ 2-2 އިން އެއްވަރުކޮށްފައެވެ.
