ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ ފަހުަވަގުތު ލޫކް ޑި ޔޯން ވައްދާލި ލަނޑުން ޑާބީގައި އެސްޕަންޔޯލް އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ 23 މެޗުން ހޯދީ 39 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑަށް 24 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސެވިއްޔާ އެވެ. ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް 23 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ކުރީން ލީޑްނެގި ބާސެލޯނާ އިންނެވެ. މިއީ ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެޑްރީ ގޮންޒާލޭޒް ކާމިޔާބުކުރި ރީތި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން އެސްޕަންޔޯލަށް އެއްވަރުކޮށްދިނީ ސާޖީ ޑާޑޭ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޑާާޑޭ މި ލަނޑުޖެހީ އެ ޓީމުގެ ފޯވާޑް ރައުލް ޑެ ޓޯމާސް ދިން ބޯޅައަކުންނެވެ.

ބާސެލޯނާ ކޮލަށް ލަނޑުޖެހުމަށްފަހު އެސްޕަންޔޯލްގެ ފޯވާޑް ރައުލް ޑެ ޓޯމާސް އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

މެޗުގެ 64 ވަނަ މިނެޓުގައި ޑާޑޭ ދިން ބޯޅައެއް ވަރަށް ރީއްޗަށް މެއިން ކޮންޓްރޯލްކުރުމަށްފަހު ރައުލް ޑެ ޓޯމާސް ވަނީ ފުރަތަމަ ފަހަރަށް އެސްޕަންޔޯލަށް ލީޑްނަގައިދީފައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އެސްޕަންޔޯލްގެ ނިކޯ މެލަމެޑް އާއި މާނޫ މޮލާނޭސް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން ދެ ޓީމުން ވެސް މެޗުގެ ފަހު މިނެޓުކޮޅު ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ބާސެލޯނާ އިން އެއްވަރުކުރި ލަނޑު، އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑި ޔޯން އެވެ. މިއީ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ވުލްވްސް އިން ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ބަދަލުވި އެޑަމާ ޓްރައޯރޭ ނެގި ހުރަހަކުން ޑި ޔޯން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެވަންޓޭގެ ދަނޑުގައި 4-2 އިން ބެޓިސް މޮޅުވިއިރު ރެއާލް ސޮސިއެޑާޑުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ގްރަނާޑާ ބަލިކޮށްފައެވެ.