އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 1-0 އިން ސަމްޕްޑޯރިއާ ބަލިކޮށް އޭސީ މިލާނުން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އެޓަލާންޓާއާ ދެކޮޅަށް ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނަ އަށް މިލާން ޖެހިލީ ދެވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މިލާނަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އިންޓަ އޮތީ 24 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 25 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އޮތީ 25 މެޗުން ލިބުނު 46 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

މިލާންގެ ސެން ސީރޯ ގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ރަފައެލް ލެއާއޯ އެވެ. މިއީ މިލާންގެ ކީޕަރު މައިކް މައިގްނަން ޖެހި ބޯޅައެއް ކޮންޓްރޯލްކޮށްލުމަށްފަހު ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ލެއާއޯ ޖެހި ގޯލެކެވެ.

މި މެޗުގައި މިލާނުން ލީޑް ފުޅާކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ފޮނުވާލި ހަމަލާތައް ސަމްޕްޑޯރިއާގެ ކީޕަރު ލަޑިމިރޯ ފަލްކޯނޭ ވަނީ މަތަކޮށްފައެވެ.

ލީގުގައި ރޭ ޔުވެންޓަސް އިން ރަށުން ބޭރުގައި އެޓަލާންޓާ އަތުން ބަލިނުވެ ސަލާމަތްވީ ފަހުވަގުތު ޑަނީލޯ ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގެ 76 ވަނަ މިނެޓުގައި ޔޫކްރޭންގެ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ ވައްދާލި ލަނޑާއެކު އެޓަލާންޓާ އިން މޮޅުވާން ދަނިކޮށް އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ޕައޮލޯ ޑިބާލާ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ޑަނީލޯ ބޮލުން ފޮނުވާލައިގެންނެވެ.

މި މުބާރާތުގައި ރޭ ސަސުއޯލޯގެ ދަނޑުގައި އޭއެސް ރޯމާ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ރޯމާ އަށް ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ފޯވާޑް ޓެމީ އެބްރަހަމް ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު ކްރިސް ސްމޯލިން އަތުން ބައިކޮޅަށް ވަތް ގޯލަކުން ސަސުއޯލޯ އިން ނަތީޖާ ހަމަހަމަކުރިއެވެ. އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ހަމެޑް ޓްރައޯރޭގެ ގޯލުން ސަސުއޯލޯ ލީޑްނެގުމުން އެ ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ބްރަޔަން ކްރިސްޓަންޓޭ ވަނީ ރޯމާ އަށް އެއްވަރުކޮށްދީފައެވެ.