ދިވެހިންގެ ކެއުމަކީ ވަރަށްވެސް ތަފާތު ކެއުމެކެވެ. ހާއްސަކޮށް އިހުގެ ދިވެހިންގެ ކެއުންތަކެވެ. ބަނބުކެޔޮ ފިހެގެން، ވަޅޯމަހާ ކާއްޓާ ކައި އުޅުނެވެ. ގަބުޅިޔާ ދިޔާހަކުރެވެ. ތަފާތު އެކި ވަށްތަރުގެ ޖަންގަލީ މޭވާއެވެ. އޭގެތެރެއިން އަހިވަކަކީ އޭގެ ފައިދާ ވަރަށްވެސް ބޮޑު މޭވާއެކެވެ. އަހި ގަހުގައި އަޅާ މި ވަށް ދޮންވުމުން އޭގައި ވަރަށް ގަދަ ވަހެއް ހުރެއެވެ. ކުޅި ޒާތު ރަހައެއް ދޭ މި މޭއަކީ އިހުގައި ބޮނބިގަނޑު ގަނޑުގެ ތެރެއަށް ލައިގެން ފާކޮށްގެންވެސް ކައި އުޅުނު މޭވާއެކެވެ. ހުނިލައިގެން ހަކުރުލައިގެން މޮޑެގެންވެސް އަހިވައް ކައި އުޅުނެވެ.
ޒަމާނާއި އެކު އައި ބަދަލުތަކުގެ ނަތީޖާއަކީ މިއަދު ގިނަ ބަޔަކު އަހިވަކާ ދުރަށް ދިއުމެވެ. އެއީ މީރުކޮށް ކައިއުޅުނު މޭވާއެއްގެ ބަދަލުގައި "އައްޗި" އެއްޗަކަށް ވެއްޖެއެވެ. އެހެނީ އެއަށްވުރެ މީރު އެތައް މޭވާއެއް މިހާރު ލިބެން ހުރީތީއެވެ. ގިނަ މީހުންނަށް އަހިވަކުގެ ރަހައަކީ ނުބައި ރަހައެކެވެ.
އަހިވަކަކީ އޭގައި ވަރަށްގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވޭ މޭވާއެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ވިހަ ނުވަތަ ބޭކާރު މާއްދާތައް ހަށިގަނޑުން ނެތިކޮށްލުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ވަރަށްގިނަ މާއްދާއެކެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ތަރުތީބު ހަރުދަނާކޮށްދީ އެ ނިޒާމު ވަރުގަދަ ކޮށްދޭނޭ މާއްދާއެކެވެ.
އަހިވަކުގައި ހުންނަ ނައިޓްރިކް އޮކްސައިޑް ނަމަކަށް ކިޔާ މާއްދާއަކީ ޓިއުމަރު ބޮޑުވިޔަ ނުދީ ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިކަމުގެ ސަބަބުން މިއީ ކެންސަރުގެ ރިސްކު ނުވަތަ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. އަދި އަހިވަކުގައި ހުންނަ ސްކޮޕްލޮޓިން އަދި ޒެރޮނައިން ނަމަކަށް ކިޔާ ދެ މާއްދާއަކީ ލޭގެ ޕުރެސަރު ހަމައިގައި ހިފަހައްޓަދޭން އެހީތެރިވެދޭ ވަރަށް މުހިންމު ދެ މާއްދާއެވެ. އަދިވެސް މީގެ އިތުރުންވެސް އަހިވަކުގައި ތަފާތު އެކިއެކި ވިޓަމިނާއި މިނަރަލްތައް ހިމެނޭނެއެވެ.
އަހި ގަސްގަހަށް ސީނުކަރައިގައި ތަދުކަނޑުވާ ގަހޭ ކިޔާ އުޅެއެވެ. މިހެން ކިޔާ އުޅެނީ އަހިވަކުގެ ސަބަބުން ބައެއްކަހަލަ ބޮލުގެ ރިހުންތަކާއި ހުޅުހުޅާއި މަސްގަނޑުގައި ރިހޭ ރިހުންތަކަށް އަހިވަކުގެ ސަބަބުން ލުއިކަމެއް ލިބޭތީއެވެ. ސައިންޓިފިކަލީ ސީދާ ތަދުކަނޑުވާ މާއްދާއެއް އަހިވަކުން ނުފެނުނަމަވެސް އެންޓި އިންފްލެމޭޓަރީ ގެ އަސަރުތައް އަހިވަކުން ފެނެއެެވެ. ސައިންޓިފިކަލީ ގަބޫލުކުރެވޭ ގޮތުގައި އަހިވަކުގެ ސަބަބުން ތަދު ކެނޑޭނީ މި މާއްދާގެ އެހީތެރިކަމުގައެވެ. ނަމަވެސް ސީނުކަރައިގައި ޒަމާނުއްސުރެ އަދި މިއަދުވެސް އަހިވަކަކީ ހަކީމީ ބޭހެއްގެ ގޮތުން ތަދުކަނޑުވަން ކައި އުޅޭ މޭވާއެކެވެ.
ރަހަ ނުބައިވެ ވަސް ނުބައިވުމުގެ ސަބަބުން އަހިވަށް ނުކާނަމަ ނުވަތަ ކާން ނުކެރޭނަމަ ކެވޭނޭ ގޮތެއް ނުވަތަ ބޭނުން ކުރެވޭނޭ ގޮތެއް އެބައޮތެވެ. ރަހަ ނުބަޔަަސް އަހިވަކަކީ، ހާއްސަކޮށް ދިވެހިން ނުކައި ދޫކޮށްލަން ހެޔޮވާ ވަރުގެ މޭވާއެއް ނޫނެވެ. އަހިވަކު ޖޫހަކީ މިއަދު ބޮޑު އަގުގައި ބޭރުގެ ބޮޑެތި ރެސްޓޯރަންޓުތަކުގައި ވިއްކާ ބުއިމެކެވެ. އެކި މީހުން އެކި ގޮތަށް އަހިވަކު ޖޫސް ގިރާ އުޅެއެވެ. އެއްބަޔަކު މިލްކްޝޭކެއް ގޮތަށްވެސް އަހިވަކުން ބުއިން ތައްޔާރުކުރެއެވެ. އަހިވަކާއި އެކު އެހެން މޭވާއެއް އެޅުމަށްފަހު މިކްސްޗަރުން ގިރާލައިގެން އެއަށް ރަހަ އެކުލެވޭ އެސެންސު ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކިރުގެ ބާވަތެއް އެއްކޮށްގެން ބޭނުން ކުރުމަކުން އަހިވަކުގައި އެ ހުންނަ ގަދަ ރަހަ މަޑުވެގެންދާނެއެވެ. މިއީ އަހިވައް ކެއުމަށް އުނދަގޫވާ މީހުންނަށް އަހިވަށް ބޭނުންކުރެވިދާނޭ މަގެކެވެ.
މިފަދަ ޖަންގަލީ މެވާތަކަކީ އިހުދިވެހިންގެ އާންމު ކެއުންތަކެވެ. މިއީ އިހު ދިވެހިންގެ ތެރޭގައި ތަފާތު ބޮޑެތި ބަލިތަށް މަދުވި އެއް ސަބަބު ކަމުގައިވެސް ބުނެވިދާނެއެވެ.
