އުމުރުން 20 އަހަރުގެ ލުމާއަކީ ކޭކް އަޅަން ލޯބި ހުންނަ ކުއްޖެކެވެ. އެގޮތުން ކޭކް އެޅުމުގެ މަސައްކަތް ލުމާ ފެށީ 2020 ވަނަ އަހަރުއެވެ. "އެކުއަރ ބޭކަރީ" ނަމަކަށް ކިޔާ އިންސްޓަގްރާމް ޕޭޖެއް މެދުވެރިކޮށް ކޭކް އެޅުމުގެ މަސައްކަތް ލުމާ ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތުންނެވެ. ލުމާއަކީ މިވަގުތު އެކައުންޓަންޓެެއްގެ ގޮތުގައި ވަޒީފާވެސް އަދާކުރަމުންދާ ކުއްޖެކެވެ.
2020 ވަނަ އަހަރުގެ ފަހުކޮޅު ކޭކް އެޅުމުގެ މަސައްކަތް މެދުކަނޑާލުމަށްފަހު އަނެއްކާ ލުމާ މިމަސައްކަތް ފެށީ 2021ގެ ޖުލައި މަހުއެެވެ. މިފަހަރު ލުމާ މިމަސައްކަތް ފެށީ އާއަޒުމަކާއެކުއެވެ. އެގޮތުން އިންސްޓަގްރާމް ޕޭޖުގެ ނަން "ކޭކް ސްކޮއަރ އެމްވީ" އަށް ބަދަލުވެގެން ދިޔައެވެ.

އިންސްޓަގްރާމްގައި މަޝްޙޫރު މިޕޭޖު މެދުވެރިކޮށް ކޭކް އެޅުމުގެ މަސައްކަތް ލުމާ ކުރަމުންދާއިރު، އެންމެ ބޮޑު އެއްބާރުލުމެއް ލުމާއަށް ލިބިގެންދަނީ ލުމާގެ ބެސްޓް ފްރެންޑް އަދި ޢާއިލާގެ ފަރާތުންނެވެ. ކޭކް އެޅުމުގެ ޝަޢުޤުވެރިކަން ފެށުނީ، ލުމާ އަޅާ ކޭކް މީރުވެގެން ޢާއިލާގެ މެމްބަރުންނާއި ލުމާގެ ބެސްޓް ފްރެންޑް އެވާހަކަ ދައްކާތީއެެވެ.


ކޭކް ސްކޮއަރ އެމްވީއިން އޯޑަރު ކޮށްލުމަކީ ވަރަށްވެސް ފަސޭހަކަމެކެވެ. ޕޭޖަށް މެސެޖްކުރާތާ މާގިނައިރުތަކެއްނުވެ ޖަވާބުވެސް ލިބޭނެއެވެ. ކޭކަށް އޯޑަރު ކޮށްލަން ބޭނުންވާނަމަ އެންމެ މަދުވެގެން 24 ގަނޑިއިރު ކުރިން އޯޑަރު ކޮށްެލެވޭނެއެވެ. ނަމަވެސް ލުމާ އެދެނީ 3 ނުވަތަ 4 ދުވަސް ކުރިން ކޭކްގެ ރިޒަވޭޝަން ހެދުމަށެވެ. 
ލުމާ އަޅާ އެކި ކޭކްތަކުގެ އަގު ތަފާތެވެ. އެގޮތުން ކޭކްތަކުގެ އަގު ލުމާ ކިޔަނީ ކޭކް އެޅުމަށް ބޭނުންކުރާ ފްލޭވަރ، ޑިޒައިން އަދި ފިލިންއަށް ބެލުމަށްފަހުއެވެ. އެންމެ ގިނައިން ލުމާ އަޅަނީ ޗޮކްލެޓް އަދި ބަޓަރ ކޭކެވެ. ނަމަވެސް ކަސްޓަމަރުންގެ ރިކްއެސްޓްތަކަށް ބަލައި އެކި ވައްތަރުގެ ފޮނި އެއްޗެހި ލުމާ ހަދައެވެ. އެގޮތުން ޓްރެސް ލެޗެސް ކޭކް އަދި ފުރުޓް ކޭކާއި ޑޯނަޓް އަދި ބްރައުނީސް ފާހަގަކޮށްެލެވެއެވެ.


މިފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް ލުމާ ދޭން ބޭނުންވާ ނަޞޭޙަތަކީ މާދަމާއަށް މަޑުނުކުރުމަށެވެ. މިއަދު ފަށައިގަތުމަށެވެ. އެއްޗެއް ނުގެއްލި އެއްޗެއް ނުލިބޭނެކަން އަބަދުވެސް ވިސްނުމުގައި ބެހެއްޓުމަށެވެ. އަދި ކެތްތެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ބޭނުންވާ އަޒުމަށް ﷲގެ އިރާދަފުޅާއެކު ވާޞިލްވެވޭނެކަން އަބަދުވެސް ހަދުމަކުރުމަށެވެ.