އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭސް ވައްދާލި ލަނޑުތަކާއެކު 2-0 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

މިއީ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ 2009 ވަނަ އަހަރުގެ ފަހުން ގޯލެއް ނުޖެހި ރޮނާލްޑޯ އަށް ހޭދަވި އެންމެ ދިގު މުއްދަތެވެ،

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ކުޅުނު 25 މެޗުން 43 ޕޮއިންޓް ހަމަކޮށްފައެވެ. ވެސްޓް ހޭމް ޔުނައިޓެޑަށް 25 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ވުރެ 3 މެޗު މަދުން ކުޅެގެން އާސެނަލް ހަވަނައިގައި އޮތީ 39 ޕޮއިންޓާއެކު އެވެ. ލީގުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 25 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ނުވަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 24 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ.

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންގެ ޔަކޫބް މޯޑާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ އެވެ. މި ހާފުގައި ޔުނައިޓެޑުން ލަނޑުޖަހާނެ މާރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެއްނުވެއެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑު، 51 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްކޮޓްލެންޑް މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ހަމެޗުގައި ޖެހި ފުރަތަމަ ގޯލެވެ. އޭގެ ތިން މިނެޓުފަހުން، ބްރައިޓަންގެ ކެޕްޓަން ލުވިސް ޑަންކަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. ޔުނައިޓެޑްގެ އެންތަނީ އެލަންގާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑަންކަށް ރަތް ކާޑު ދައްކަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ބްރައިޓަންގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނެގުމަށް ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރުވަގުތުގައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ފެނާންޑޭސް އެވެ. މިއީ ޕައުލް ޕޮގްބާ ދިން ޕާހަކުން ފެނާންޑޭސް ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެކުރީން، ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދޭން ފެނާންޑޭސްގެ އިތުރުން ރޮނާލްޑޯ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، ބްރައިޓަންގެ މޯޑާ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ މި މަހުގެ 20 ވާ އާދީއްތަ ދުވަހު ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.