އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތަކީ ކޮންމެ މަޔަކާއި ބަފަޔަކަށްވެސް ކުރިމަތިވާނެ އެންމެ އުފާވެރި އެއްވަގުތުކޮޅެވެ. އެތަކެއް ދުވަހެއްގެ ދިގު އިންތިޒާރު ނިމުމަކަށް އައިސް އުފާވެރިކަން ވަށާލާނެ ދުވަހެކެވެ. ނަމަވެސް ގިނަމީހުންނަށް ފެންނަ ފެނުމަށް އަލަތު މައިންބަފައިން އުފާވެފައި ތިއްބަކަސް އެދެމީހުންގެ ސިކުނޑި ވަރަށް ގިނަކަންކަމާއި ވިސްނާ ފިކުރު ކުރާނެއެވެ. ދަރިފުޅު ވިހާނެ ދުވަހަކަށް ކިތަންމެ ބޮޑަށް ތައްޔާރުވެފައި ހުރިނަމަވެސް ވިހެއުމަށްފަހު ވިސްނަންޖެހޭ ބައިވަރު ކަންތައް ހުންނާނެއެވެ. އެހެންކަމުން މިފަދަ ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރުކުރުމުގެ ނަތީޖާއަކަށްވަނީ ޕޯސްޓްޕާރޓަމް ޑިޕްރެޝަންއަށް ދިއުމެވެ. އަދި މިއީ ހަމައެކަނި އަންހެނުންނަށް ދިމާވާ ކަމެއް ނޫނެވެ. އަލަތު ދަރިފުޅު ލިބުމަށްފަހު ބައެއް ފިރިހެނުންނަށް ވެސް މިދެންނެވުނު ޑިޕްރެޝަނާއި ކުރިމަތިލާން ޖެހޭ ފަހަރުއާދެއެވެ.

ޕޯސްޓްޕާރޓަމް ޑިޕްރެޝަން ނުވަތަ ވިހެއުމަށްފަހު ކުރިމަތިވާ ޑިޕްރެޝަންއަކީ ވަރަށް ގިނައިން އަންހެނުން ތަޙައްމަލްކުރަމުންދާ ވޭނެކެވެ. ގާތްގަނޑަކަށް 80 އިންސައްތަ އަންހެނުން ވިހެއުމަށްފަހު ދެހަފްތާ ނުވަތަ ތިންހަފްތާގެ މުއްދަތަކަށް މިކަން ތަޖުރިބާ ކުރެއެވެ. "ޑިޕްރެޝަން" މިބަހަކީ ގިނަމީހުންނަށް އާބަހަކަށް ނުވިޔަސް ޕޯސްޓްޕާރޓަމް ޑިޕްރެޝަނަކީ އެހާ އާންމު ބަހެއް ނޫނެވެ. ނަމަވެސް މިކަމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ އަދި ލަސްނުކޮށް ސިއްޙީ މާހިރުންގެ ލަފާ ހޯދަންޖެހޭ ކަމެކެވެ. ވިހެއުމަށްފަހު މީހާގެ ސިކުނޑި ވަރަށް ބޮޑަށް ކަންކަމާއި ވިސްނާނެއެވެ. އެގޮތުން ތިމާއަށް ދަރިފުޅަށް ކަންތައް ކުރެވެނީ އެންމެ ރަނގަޅަށް ނޫންކަމަށްވެސް ބައެއް ފަހަރު ވިސްނި އެކަމާއި މާބޮޑަށް ކަންބޮޑުވެއެވެ. އަދި ރަނގަޅަށް ހަމަނިދި ނުލިބި ރަނގަޅަށް ނުކެވުމުގެ ސަބަބުންވެސް ޑިޕްރެޝަނަށް ގޮސްދާނެއެވެ. އަދި މާބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވުން ފަދަ ކަންކަން މީގެތެރޭގައި ހިމެނެއެވެ.

ޕޯސްޓްޕާރޓަމް ޑިޕްރެޝަން ކުރިމަތިވާކަމުގެ ޢަލާމާތްތަށް ދެނެގަތުމަކީ މިކަމުން ދުރުހެލިވުމަށްޓަކައި މުހިންމު ކަމެކެވެ. އެގޮތުން ތިރީގައިމިވާ ކަމެއް ކުރިމަތިވާނަމަ އެއީ ޕޯސްޓްޕާރޓަމް ޑިޕްރެޝަން ހުރި ކަމުގެ ހެއްކެކެވެ.

  • ކަންކަމާއި މާއަވަހަށް ހާސްވުން
  • ހިތްދަތިވެ ދެރަވުން
  • އަވަސްއަވަހަށް ރޮވޭގޮތްވުން
  • ބޭކާރު މީހެއްކަން އިހުސާސްވުން
  • ގޯސް މަންމައެއްކަން އިހުސާސްވުން
  • އާއިލާއާއި ރަހުމަތްތެރިންނާއި ދުރުވުމުގެ އިހްސާސްވުން
  • ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދުކުޑަވުން
  • ކުއްލިއަކަށް މޫޑް ބަދަލުވުން
  • ކަންކަމަށް ޝައުގުވެރިކަން ކުޑަވުން
  • ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ކުޑަވުން
  • އަމިއްލަ އަށް ނުވަތަ ދަރިފުޅަށް އަނިޔާކުރެވޭކަހަލަ ވިސްނުން އައުން

މިދެންނެވުނު އެއްވެސް ކަހަލަ ޢަލާމާތެއް ވިހެއުމަށްފަހު ކުރިމަތިވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. ލަސްނުކޮށް ފަރުވާ ކުރެވިއްޖެނަމަ އަވަހަށް މިކަމުން ސަލާމަތްވާނެއެވެ. ބައެއްފަހަރު ބޭސް ބޭނުންކޮށްގެން ނުވަތަ ކައުންސެލިންގ ދީގެންވެސް ޕޯސްޓްޕާރޓަމް ޑިޕްރެޝަންއިން ސަލާމަތްވެއެވެ.