އިންސާނާގެ ހަށިގަނޑު އުފެދި ހިނގަމުންދަނީ ވަރަށް ފުރިހަމައަށް ތަރުތީބުވެފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މިފަދައިން އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރަމުންދާއިރު، ހަޖަމުގެ ނިޒާމުގަައި ވައި އުފެދުމަކީ އާންމު އަދި އާދައިގެ ކަމެކެވެ. މިފަދައިން އުފެދޭ ވައި ބޭރުވުމުގައި ތަރުތީބުވެފައިވާ ދެ ނިޒާމެއް މަސައްކަތް ކުރެއެވެ. އެއީ އަނގައިން ވައި ބޭރުވުމާއި ފުރަގަސްފަރާތުން ވައި ބޭރުވުމެވެ.
ހަޖަމުގެ ނިޒާމުގައި އުފެދޭ މި ވައި އުފެދެނީ އިންސާނާ ކައި އަދި ބޮއެ ހަދާއިރުގައެވެ. ބައެއްފަހަރަށް ވައި ބޮވިގެންވެސް މިހެން ވެދާނެއެވެ. ބައެއް ކާނާ، މައިދާ ހަޖަމުވަމުންދާއިރުވެސް އެތަކެތިންގެވެސް އެކި ވައްތަރުގެ ގޭސް އުފެދި ވައި އުފެދޭނެއެވެ. ހަޖަމަށް އުނދަގޫ ކާނާ ކެއުމާއި ސިނގިރޭޓު ބުއިމާ އަދި ހޮޅިން ދިޔާއެއްޗެހި ބުއިމަކީ ވައި އުފެދުމަށް ބޮޑުތަނުން މަގުފަހިކުރުވާ ކަންކަމެވެ. މީގެ އިތުރުން، ހާސްވެ ކަންބޮޑު ވާނަމަވެސް ވައި އުފެދުމުގެ ފުރުސަތު އޮވެއެވެ. ބަނޑު ހިކިއްޖެނަމަވެސް މައިދާ އާއި ގޮހޮރުގައި ވައި ހެދޭނެއެވެ. އަދި ބައެއްކަހަލަ ހަޖަމުގެ ނިޒާމަށްޖެހޭ ބަލިތަކުގެ ސަބަބުންވެސް ވައި އުފެދިދާނެއެވެ. މިފަދައިން ހަޖަމުގެ ނިޒާމުގައި އުފެދޭ ވައި ބޭރުނުވެ ހުންނަނަމަ މައިދާ އާއި ގޮހޮރު "ފުއްޕާ" ގޮތްވެ، އިންސާނާއަށް ތަދާއި އުނދަގޫތައް ކުރިމަތިވާނެއެވެ. މި ހާލަތަށް "ބްލޯޓިން" އޭ ކިޔައެވެ. ހަޖަމުގެ ނިޒާމުގައި ވައި ހުރުމަކީ ހަޖަމު ލަސްވެދާނޭ ކަމެކެވެ. ކާ ތަކެތި މައިދާގައި ގިނަ ވަގުތު ހޭދަކުރަން ޖެހިދާނޭ ކަމެކެވެ. ގޮހޮރުގެ "ރާޅުބާނި" ހަރަކާތް މަދުވެދާނޭ ކަމެކެވެ. އެހެންކަމުން ހަޖަމުގެ ނިޒާމުގައި މި އުފެދޭ ވަޔަކީ ބޭރުކުރަން ޖެހޭނޭ ވައެކެވެ. އެހެންކަމުން އަނގައިން ނުވަތަ ފުރަގަސްފަރާތުން ވައެއް ބޭރުކުރަން ޖެހުމަކީ ލަދުގަނެ ޖެހިލުންވާންވީ ކަމެއް ނޫނެވެ.
ފުރަގަސްފަރާތުން ވައި ބޭރުވުމަކީ ހަމަ ކޮންމެ އިންސާނަކަށްވެސް ވަރަށް އާދައިގެ ކަމެކެވެ. ހެލްތްލައިން މަޖައްލާގައި 2020ވަނަ އަހަރު ސިންތިއާ ޓޭލާ ލިޔެފައިވާ ގޮތުން އެވްރެޖު އިންސާނަކު 24ގަޑި އިރު ތެރޭގައި އެވްރެޖުކޮށް 5 - 23 އާއި ދެމެދުގެ އަދަދަކަށް ފުރަގަސްފަރާތުން ވައި ބޭރުކުރާނެއެވެ. ނުވަތަ ބޭރުވާނެއެވެ. ފުރަގަސްފަރާތުން ވައި ބޭރުވުނުގައި ބައެއްފަހަރު އުނދަގޫ ކުރުވާ ވަހެއް ހުރެއެވެ. މިހެން ދިމައިވަނީ ހަޖަމުގެ ނިޒާމުގައި ދައުރުވާ ތަކެތީގެ ގޮތުންނެވެ. އެ ތަކެތީގެ ތެތް-ހިކި މިނާއި، އެއީ ތަކެތީގެ ތާސީރުން، މި ވައިގެ ވަސް "ތަޣައްޔަރު" ވެއެވެ. އެހެންކަމުން މި ނުވައި ވަސް ދުވާފާނެތީ ނުވަތަ އަޑެއް ހުރެދާނެތީ ގިނަ މީހުން ބައެއްފަހަރަށް ވައި ބޭރުވިޔަ ނުދީ ހިފަހައްޓައެވެ.
ފުރަގަސްފަރާތުން ވައި ބޭރުވިޔަ ނުދީ ހިފެހެއްޓުމުން ސިއްހީ މާ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަމުގެ ދިރާސާއެއް އަދި ހޯދިފައެއް ނެތެވެ. ވައި ހިފަހައްޓައިފިނަމަ ފުރަގަސްފަރާތުގައި ވައިގެ ޕުރެސަރު ބާރުވާނެއެވެ. އެއާއި އެކު އެ ވައިކޮޅު އަނެއްކާ އެނބުރި ގޮހޮރުގެ ތެރެއިން ދަތުރުކޮށްފާނެއެވެ. މިފަދައިން ވައި ގޮހޮރުގެ ތެރެއިން އެނބުރި ދާ ދިއުމުގައި ބައެއް ފަހަރަށް ބޮކިޖަހާ އަޑެއް ޒާތު އަޑެއް އުފެދޭނެއެވެ. މިއަށް ބަނޑު ކެއްކުމޭ ކިޔާ އުޅެއެވެ. މިފަދައިން ވައި ހިފެހެއްޓޭނީ ވަކި ވަރަކަށެވެ. ވަކި ވަރަކަށްވުރެ ވައި ގިނަވެ ހަޖަމުގެ ނިޒާމުގައި ވައިގެ ޕުރެސަރު މަތިވުމުން އިހްތިޔާރަކާ ނުލާ ވައި ބޭރުވާނެއެވެ. މިކަމުން ދަލީލުކޮށްދެނީ އިންސާނާގެ ހަށިގަނޑުގެ ފުރިހަމަ ކަމެވެ.
ފުރަގަސްފަރާތުން ވައި ބޭރުވިޔަ ނުދީ ހިފައްޓާނަމަ، އެ ހިފަހައްޓާވަގުތު އުނދަގޫ އިހުސާސްތަކެއް ކުރިމަތިވާނެއެވެ. ތަދެއް އިހުސާސްވެދާނެއެވެ. އެއާއި އެކު އޭގެ ފަހުން "ބްލޯޓިން" އޭ މިކިޔާ ހާލަތު ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ހަޖަމު ލަސްވުމަކީވެސް ވައި ހިފަހައްޓާނަމަ ވެދާނޭ ކަމެކެވެ. މީގެ އިތުރުން މޭ އެންދުމޭ މިކިޔާ ހާލަތުވެސް ކުރިމަތި ވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. އަދި އިރުތު އެހެން ކަމެއް އެބަ އޮތެވެ. އެއީ 1900ގެ އަހަރުތަކުގައި ހޯދިފައިވާ ހޯދުމެކެވެ. އެއީ ވައި ހިފަހައްޓާނަމަ "ޑައިވާޓިކިއުލައިޓިސް" ނަމަކަށް ކިޔާ ހަޖަމުގެ ނިޒާމުގެ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ. މި އިންފެކްޝަނުގައި އެތައް ކަމެއް އެއްފަހަރާ ދިމައިވެދާނެއެވެ. އަދި ފަރުވާ ނުކުރެވި ދޫކޮށްލެވިއްޖެނަމަ މިއީ ފުރާނައަށްވެސް ނުރައްކާވެދާނޭ ބައްޔެކެވެ. ކަންމިހެން ހުރިނަމަވެސް މިޒަމާނުގެ ހޯދުންތަކުގައި ވައި ހިފެހެއްޓުމުން މާބޮޑު ނުރައްކަލެއްނެތެވެ. ސިއްހީ އިރުތު މައްސަލައެއް ނުހުންނަ މީހާއަށް، ވައިގެ ސަބަބުން ނުރައްކަލެއް ވެދާނޭ ވަރަކަށް ވައި ހިފަހައްޓައިގެން ނުހުރެވޭނެއެވެ. ބޭއިހްތިޔާރުގައި ބޭރުވާނެއެވެ. ނަމަވެސް ސިއްހީ އެހެން މައްސަލަތައް ހުންނަ މީހުންނަށް ވަޔަކީ ވަރަށްވެސް ވޭން ހުރި އުނދަގޫބޮޑު ތަކުލީފަކަށް ވެދެއެވެ. ވައި ބޭރުނުވެގެން އެގޮތްމިގޮތް އެއްބައި މީހުން ހަދާއިރު، އަނެއްބަޔަކު ވައި ބޭރުވާލެއް ގިނަކަމުން އެކަމުގައި ޝަކުވާ ކުރެވެއެވެ.
ކޮންމެއަކަސް ތަރުތީބުވެ ހިނގާ މި ނިޒާމުން އިންސާނާގެ ހަށިގަނޑުގެ ފުރިހަމަކަން ދޭހަކޮށްދެއެވެ. ޙާލިޤުވަންތަ ﷲ ގެ ކުޅަދުންވަންތަކަން ހާމަވެއެވެ.
