ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ އިންޓަ މިލާންގެ ދަނޑުގައި 2-0 އިން މޮޅުވެ ލިވަޕޫލުން ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމާއި ގާތަށް ޖެހިލިއިރު، ފަހުވަގުތު ބަޔާން މިއުނިކުން ކާމިޔާބުކުރި ގޯލާއެކު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ 1-1 އިން އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލުން ވަނީ މިފަހަރުގެ ސީޒަނުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފައެވެ.
މިދިޔަ 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ވާދަކުރާ އިންޓަ ކޮޅަށް ލިވަޕޫލުން ކާމިޔާބުކުރި ހުރިހާ ގޯލެއް ވައްދާލި ދެވަނަ ހާފުގައެވެ. މި މެޗު ފެށިގެން ގިނަވަގުތު އިންޓަ އިން ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ތުރުކީ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.
ލިވަޕޫލުން މި މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު، 75 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓް ފިރްމީނޯ އެވެ. މިއީ އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ފިރްމީނޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ފިރްމީނޯ ކުޅެން ނިކުތީ ދެވަނަ ހާފުގެ ކުރީކޮޅު ޑިއޯގޯ ޔޮޓާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތް މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ.
މި މެޗުގައި ކުޅުނު ލިވަޕޫލްގެ ހާވީ އެލިއަޓް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗަށް ނިކުތްއިރު އެލިއަޓްގެ އުމުރަކީ 18 އަހަރާއި 318 ދުވަހެވެ.
ޖަރުމަނުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާނުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި 4-2 އިން ބޯކުމް އަތުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލުމުގެ އަޒުމުގައެވެ. އެކަމަކު، ރޭގެ މެޗު ފެށިގެން 21 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް ސަލްޒްބާގުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ޗުކްވުބުއީކޭ އަޑާމޫ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން މި މެޗުން ބަލިވާން ދަނިކޮށް 90 ވަނަ މިނެޓުގައި ބަޔާނަށް އެއްވަރުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. މިއީ އެ ޓީމުގެ ޖަރުމަން ފޯވާޑް ތޯމަސް މުލާ ޖައްސާލި ޕާހަކުން ކޯމަން ކާމިޔާބުކުރި ގޯލެކެވެ.
