އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ދެއްކޭ ޚިދުމަތެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި ވައިބާގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް މި ޚިދުމަތް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

އުރީދޫއިން ބުނީ މިއީ ވަކިވަކި ކަސްޓަމަރުންނަށާއި، އޮންލައިން ފިހާރަތަކާއި، ކަންމަތީ ފިހާރަތަކަށް ކެފޭ/ރެސްޓޯރަންޓްތަކަށް އިތުބާރާ ޔަޤީންކަމާއެކު ފަސޭހައިން ފައިސާ ޓްރާންސްފަރ ކުރެވޭނެ ގޮތް ހެދުމުގެ މަޤުޞަދުގައި ތަޢާރަފުކުރި ޚިދުމަތެއް ކަމުގައެވެ.

ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި ވައިބަރ މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް ނިންމީ ވައިބަރ އަކީ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަން ކަމަށް ވާތީއެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުގެ ބަދަލުގައި، ވައިބަރ މެދުވެރިކޮށް އެމްފައިސާ އިން ފައިސާ ދެއްކުމުން ކަސްޓަމަރަށާއި ވިޔަފާރިކުރާ މީހާ އަށް އެ މައުލޫމާތު މެސެޖެއްގެ ޒަރީޢާއިން ލިބިގެންދާނެއެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ފަދަ އީޖާދީ ހައްލުތައް ފޯރުކޮށްދިނުމަށެވެ. އަދި ވައިބަރއާ ގުޅިގެން ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތް ހެދުމުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އާއްމުން ހޭލުންތެރިކުރެވޭނެ ކަމަށެވެ.

ވައިބާގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވިދާޅުވީ ވައިބައިން ފޮނުވާ މެސެޖުތަކަކީ އެންކްރިޕްޓް މެސެޖުތަކެއް ކަމަށް ވާތީ ޑޭޓާ ރައްކާކޮށްފައި ނުހުންނާނެ ކަމަށެވެ. އެހެންކަމުން ހާސްކަމެއް ނެތި އެ އެޕްލިކޭޝަން މެދުވެރިކޮށް އެމްފައިސާ އިން ފައިސާ ފޮނުވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.