އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން 1-1 އިން ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ޔުވެންޓަސް އޮތީ 26 މެޗުން ލިބުނު 47 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ޓްރީނޯ އަށް 25 މެޗުން ލިބުނު 33 ޕޮއިންޓައެކު އޮތީ ތާވަލްގެ 10 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އުޅޭ އޭސީ މިލާނަށް 25 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ތިންވަނައިގައި ނަޕޯލީ އޮތީ 25 މެޗުން ހޯދީ 53 ޕޮއިންޓާއެކު އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ވިންގާ ހުއާން ކުއަޑްރާޑޯ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ޑި ލިޓް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 62 މިނެޓުގައި ޓޮރީނޯ އަށް އެއްވަރުކޮށްދިނީ ކެޕްޓަން އަންދްރޭ ބެލޮޓީ އެވެ. މިއީ އެ ޓީމުގެ ކްރޮއޭޝިއާ ވިންގާ ޖޯސިޕް ބްރެކާލޯ ނަގައިދިން ހުރަހަކުން ބެލޮޓީ ކާމިޔާބުކުރި ގޯލެކެވެ.

ޔުވެންޓަސް އަށް ލީގުގައި ދެން އޮތީ މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އެމްޕޯލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެކުރީން، އަންނަ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެ ޓީމު ނިކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.