ރިޔާ ޗަކްރަބަރްތީ ހައްޔަރުވުމާއި ގުޅިގެން ބޮލީވުޑާ ގުޅިފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ބޮލީވުޑަށް ނިޞްބަތްކޮށް ހުތުރުބަސްތައް ބުނަމުންނެވެ. މީގެ ތެރޭގައި އާންމުންގެ އިތުރުން ބޮލީވުޑްގެ ނަން މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ.
މިކަމުގެ އެންމެ ކުރީގައި ހުރީ 3 ފަހަރަށް ގައުމީ އިނާމް ލިބިފައިވާ ކުޅަދާނަ އެކްޓްރެސް ކަންގަނާ ރަނާވުތުއެވެ. ކަންގަނާގެ ފަހުން ޕާލިމެންޓް މެމްބަރު އަދި ފިލްމީތަރި ރަވީ ކިޝަންވަނީ މި މައްސަލަ އާ ގުޅޭ ގޮތުން ޕާލިމެންޓްގައި ވެސް ވާހަކަ ދައްކާފައެވެ.
ރަވީގެ ވާހަކަތައް އިވިފައި ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަންގެ އަންހެނުން ޖަޔާ ގެ ރުޅިގަނޑު ވަނީ ކޮންޓްރޯލުންނައްޓާފައެވެ. އޭނާ ވަނީ ބޮލީވުޑުން މަޝްހޫރުކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ބޮލީވުޑާއި މެދު ބަދުބަސް ބުނުން އެއީ "ކާންދިން މީހާގެ އަތުގައި ދަތްއެޅުން" ކަމަށެވެ. އަދި މި ގޮތަށް ބޮލީވުޑް ބަދުނާމް ކުރާފަރާތްތައް ހުއްޓުވުމަށް ސަރުކާރުންވެސް އެއްބާރުލުން ދިނުމަށް ޖަޔާވަނީ ގޮވާލާފައެވެ.
