ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ސޮއި ހޯދުމުގައި ސްޕެއިނުގެ ރެއާލް މެޑްރިޑުން ކާމިޔާބު ހޯދާނެކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ޓެބާސް ބުނީ މި ދެ ކުޅުންތެރިން ގަތުމުގެ ގާބިލްކަން ރެއާލަށް އެބައޮތް ކަމަށެވެ.

"އެމްބާޕޭ އާއި ހާލަންޑް ގަތުމުގެ ގާބިލްކަން ރެއާލަށް އެބައޮތް. އެކަމަކު، ޔުވެންޓަސް އާއި ބާސެލޯނާ އަށް މާލީގޮތުން އޮތް ގޮންޖެހުންތަކާ ހުރެ އެ ފެންވަރުގެ ކުޅުންތެރިން ގަތުމުގައި ހުރަސްތަކެއް އެބަހުރި،"

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އެ ކްލަބަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އެމްބާޕޭ ހިމެނޭކަމަށާއި އަދި މި ސީޒަން ނިމުމުގެ ކުރިން އޭނާ ލައްވައި ޕްރީ އެގްރީމެންޓެއްގައި ސޮއި ކުރުވަން ރެއާލުން އޮތީ ތައްޔާރަށް ކަމަށެވެ.

އެހެން ނަމަވެސް، ކުރިމަގާ ބެހޭގޮތުން ދާދިފަހުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެމްބާޕޭ ބުނީ މިވަގުތު ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމަށް ކަމަށާއި، މިހާރު އެންމެ ބޮޑު އަމާޒަކީ ޕީއެސްޖީ އާއެކު ކާމިޔާބު ސީޒަނެއް ނިންމާލުން ކަމަށެވެ.

ޓެބާސް އިތުރަށް ވިދާޅުވީ އެމްބާޕޭ އައުމަކީ ލަލީގާއާ ގުޅުންހުރި އެންމެންނަށް އޮތް ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.

"އެމްބާޕޭ އައުމަކީ ލަލީގާ އަށް އޮތް ވަރަށް އުފާވެރި ހަބަރެއް." ޓެބާސް ވިދާޅުވިއެވެ.