ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައިވެސް ޤުރުޢާން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތަކެެއް ޙާޞިލްކޮށްފައިވާ ނާޢިމް އޭނާގެ ޤުރުޢާން ކިޔެވުމުގެ ހުނަރު މިފަހަރު މިދައްކާލަނީ ހަމަގައިމުވެސް ވަރަށް ތަފާތު ގޮތަކަށެވެ. އަޑުއަހާލަން އެހާމެ ފަސޭހަ ރާގެއްގައި ތަޖުވީދުގެ ހަމަތަކަށް ޤުރުޢާނުގެ އާޔަތްތައް ކިޔަވައި، ދިވެހި މާނައާއެކު ޓިކްޓޮކް ވީޑިއޯތަކެއް ގޮތުގައި ޓިކްޓޮކް ބަލާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މޮޅު ޚިޔާލުގެ ވެރިޔަކީ ހދ.ނޮޅިވަރަމަށް އުފަން ޢުމުރުން އެންމެ 17 އަހަރުގެ ނާޢިމެވެ.
ރޯދަމަހު ރޭޑިއޯއިން ނުވަތަ ޓީވީން ގެނެސްދޭ ޕްރޮގްރާމްތައް ފެނުމުން ކުޑައިރުށްސުރެވެސް އެގޮތަށް ޕްރެޒެންޓަރަކަށް ވުމުގެ ވިސްނުން ހުންނައިރު، ޕްރެޒެންޓަރަކަށް ވުމަކީ ނާޢިމްގެ ބޮޑު ހުވަފެނެކެވެ. އެފަދަ ފުރުޞަތެއް ލިބޭނެ ދުވަހަކާމެދު އަދި ހޯދާނެގޮތަކާމެދު ނާޢިމް ހުރީ އިންތިޒާރަށެވެ.
އެގޮތުން، ނާޢިމް އެންމެ ފުރަތަމަ ޓިކްޓޮކްގައި ހަދަން ފެށީ މުނިފޫހިފިލުވުމުގެ ވީޑިއޯ ތަކެވެ. އެއަށްފަހު އޭނާގެ އިތުރު ހުނަރުތައް ދައްކާލުމުގެ ގޮތުން އާ އައިޑީއެއް ހުޅުވައި ޤުރުޢާނާއިި ތަރުޖަމާ އޭނާގެ އަޑުން ކިޔަވައި ފުރަތަމަ ވީޑިއޯ ހެދިއެވެ. މިވީޑިއޯ ވެގެން ދިޔައީ ނާޢިމްގެ ޓިކްޓޮކްތަކުގެ ފެށުމަށެވެ. ލައިކްތަކާއި ކޮމެންޓްތައް އޮހެމުން އައިއިރު މަޝްހޫރު ފޭޖްތަކުން ނާޢިމްގެ ވީޑިއޯތައް އަޕްލޯޑްކޮށް އިޝްތިހާރުކުރަމުންދިޔައެވެ. ނާޢިމްގެ ރީތި އަޑަށް މީހުން ތަޢުރީފް ކުރަމުންދާއިރު، މިކަހަލަ ވީޑިއޯ ކުރިއަށް އޮތްތަނުގައި ބޭނުންވާ ކަމަށް ބުނެ ބައިވަރު މީހުންގެ ފަރާތުން ލިބުނު ކޮމެންޓްތަކުން ނާޢިމްއަށް އިތުރަށް މިކަމުގައި ހިތްވަރު ލިބުނެވެ. އަދި ނާޢިމްގެ މަންމައާއި ބައްޕަވެސް މިކަމުގައި ހިތްވަރަކަށްވިއެވެ.
ޤުރުޢާން ކިޔަވައި އޭގެ މާނައާއެކު ބަޔަކަށް ފޯރުކޮށްދިނުމަކީ ކޮންފަދަ ހެޔޮކަމެއްތޯއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ނެގެޓިވް ކޮމެންޓްތައް އަންނަ ފަދައިން ނާޢިމަށްވެސް މިފަދަ ކޮމެންޓްތަކާ ކުރިމަތިލާންޖެހުނެވެ. "ތިއީ ބޭކާރު ކަމެކޭ" "ތިއެއްޗެހި އަޑުއަހައިގެން ބަސް އަހާނެ ބަޔަކު މިތާކު ނޫޅޭ" މިފަދަ ނެގެޓިވް ކޮމެންޓްތަކާ ނާޢިމްއަށް ކުރިމަތިލާންޖެހުނެވެ. ނަމަވެސް ނާޢިމްގެ ވިސްނުންހުރީ އޭނާގެ ހުރި ހުނަރުތައް ބޭނުންކޮށްގެން ކުރިއަށް ދިއުމަށެވެ.
މިފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް ނާޢިމް ބުނެލަންއޮތީ ހިތްވަރާއެކު މަސައްކަތްކުރާށެވެ. ނަފުރަތުކުރާ މީހުން އުޅުނަސް އެކަމާ ބިރުގަނެގެން ނުވަތަ ޖެހިލުންވެގެން ތިމާ ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވެން އޮންނަ މަގު އަމިއްލައަށް ބަންދުނުކުރުމަށެވެ. ކާމިޔާބު ދެއްވާނި ﷲއެވެ. ތެދުވެރިކަމާއެކު މަސައްކަތްކުރާ މީހުންނަށް ކާމިޔާބު ދެއްވާނެއެވެ. އިންޝާﷲ ކަމެއް ކާމިޔާބުވާނީ އަޒުމެއް އޮވެގެން އަދި ހިތްވަރެއްވެސް ހުރެގެންނެވެ.
