އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ކޮޅަށް އިތުރުވަގުތުގައި ހެރީ ކޭން ވައްދާލި ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ އިން މުހިއްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ.

މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. ތިން މެޗުން ވީ ބައްޔެވެ.

މި ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ސިޓީއާ ދެވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ކުޑަވެފައެވެ. ސިޓީ އަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. އެހެންކަމުން، ލީގުގައި މި ހަފްތާގައި ލިވަޕޫލަށް އޮތް މެޗު ކާމިޔާބުކޮށްގެން ދެ ޓީމުގެ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ.

ތިންވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 25 މެޗުން ލިބުނު 43 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ރޭގެ މެޗު ކާމިޔާބުކުރި ޓޮޓެންހަމް ވަނީ 23 މެޗުން 39 ޕޮއިންޓް ހަމަކޮށް ހަތްވަނަ އަށް ޖެހިލާފައެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޓޮޓެންހަމުންނެވެ. ޑޭޔަން ކުލުސެވްސްކީ މި ލަނޑުޖެހީ އެ ޓީމުގެ ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން-މިން ދިން ބޯޅައަކުންނެވެ. އެކަމަކު، މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސިޓީން ވަނީ އެއްވަރުކޮށްފައެވެ. މިއީ އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ގޯލެކެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ޓޮޓެންހަމަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ ކޭން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސޮން އެވެ. ސިޓީން ދެވަނަ ފަހަރަށް އެއްވަރުކުރީ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ނަތީޖާގައި އޮވެގެން މެޗު ނިމެން ދަނިކޮށް، ޓޮޓެންހަމަށް މުހިއްމު ތިން ޕޮއިންޓް ހޯދައިދިނީ ވެސް ކޭން އެވެ. އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ކޭން މި ލަނޑުޖެހީ ކުލުސެވްސްކީ ދިން ބޯޅައަކުންނެވެ.

ލީގުގައި ރޭ އެންފީލްޑްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މި މެޗުގެ 48 ވަނަ މިނެޓުގައި ނޯވިޗް ސިޓީން ލީޑްނެގީ މިލޯ ރަޝިކާ ވައްދާލި ލަނޑުންނެވެ. ލިވަޕޫލުން އެއްވަރުކުރި ލަނޑު، 64 ވަނަ މިނެޓުގައި ޖަހައިދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އޯވަހެޑް ކިކަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާގެ ލޯންގް ޕާހަކުން ލިބުނު ބޯޅައަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ސަލާހު ކާމިޔާބުކުރި 150 ވަނަ ލަނޑެވެ. މި މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ތިންވަނަ ލަނޑުޖަހައިދިނީ ކޮލަމްބިއާގެ ވިންގާ ލުއިސް ޑިއާޒް އެވެ. މިއީ އެ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ޗެލްސީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގެ ހަމައެކަނި ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ މިޑްފީލްޑަރު ހަކިމް ޒިޔެޗް އެވެ. މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އާސެނަލްގެ ދަނޑުގައި 2-1 އިން ބްރެންޓްފޯޑް އަތުން މޮޅުވިއިރު ސައުތެމްޓަނުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފައެވެ. އެސްޓަން ވިލާގެ ދަނޑުގައި 1-0 އިން ވަޓްފޯޑް މޮޅުވިއިރު، ބްރައިޓަންގެ ދަނޑުގައި ބާންލީ މޮޅުވީ 3-0 އިންނެވެެ.