ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ވައްދާލި ލަނޑުތަކުން ފަސޭހަކަމާއެކު 3-0 އިން އަލަވޭސް ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ރޭގެ ނަތީޖާއާއެކު ރެއާލަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ސެވިއްޔާ އޮތީ 24 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެވެ. ރެއާލް ބެޓިސް އަށް 24 މެޗުން ލިބުނު 43 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ. ރަށުން ބޭރުގައި އޮސަސޫނާގެ މައްޗަށް 3-0 އިން ހޯދީ މޮޅާއެކު އެތުލެޓިކޯ މެޑްރިޑް ވަނީ 42 ޕޮއިންޓާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ.
ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކާލޯ އަންޗެލޮޓީގެ ރެއާލަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، އެ ޓީމުން ލީޑްނެގީ 63 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖެހީ މިފަހަރުގެ ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލް ވިންގާ ވިނީޝަސް ޖޫނިއާ އެވެ.
ރެއާލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ރޮޑްރީގޯ އަށް އަލަވޭސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ރެއާލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހުމަށް ބެންޒެމާ އެހީތެރިވެދިންއިރު، އަނެއް ލަނޑުޖެހީ އޭނާ އެވެ.
އޮސަސޫނާގެ ދަނޑުގައި އެތުލެޓިކޯ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޔާއޯ ފެލިކްސް އާއި ލުއިސް ސުއަރޭޒް އަދި އެންހެލް ކޮރޭއާ އެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ވެލެންސިއާގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނިކުންނައިރު ރެއާލް ބެޓިސްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.
