އިއާދަކުރަނިވި ހަކަތައިގައި ސޯލާ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުމަކީ ވަރަށް އާންމު ކަމެކެވެ. ތިމާވެއްޓާ ރައްޓެހި ސޯލާ ޕެނަލްތަކަކީ އެތަކެތިން ކަރަންޓު އުފެއްދުމަށް އިރުގެ އަލި ބޭނުންވާ އެއްޗެކެވެ. ނަމަވެސް އިރުގެ އަލި ބޭނުން ނުކޮށް ކަރަންޓު އުފެއްދޭ ސޯލާ އެއް މިވަނީ އުފައްދާފައެވެ.

ފިލިޕީންސްގެ މަޕުއަރ ޔުނިވަސިޓީގެ ދަރިވަރު، ކާވޭ އެރެން ބުނެފައިވަނީ މި ސޯލާ އަކީ އުކާލެވޭ މޭވާއާއި ތަރުކާރީގެ "ލުމިނެސެންޓް ޕާޓިކަލްސް" އިން އުފައްދާފައިވާ ސޯލާއެކެވެ. މި ޕާޓިކްލްސް ތަކަކީ އިރުގެ އަލްޓްރާ ވައިލެޓް ދޯދިތައް ދެމުމުގެ ގާބިލުކަން ލިބިފައިވާ ޕާޓިކްސްތަކެކެވެ. އަދި މި ޕާޓިކްލްސް ތަކަށް އަލްޓްރާ ވައިލެޓްގެ ދޯދިތައް ދެމުމުން މި ޕާޓިލްކްސް ތަކުން އަލިކަމެއް އުފައްދައިދެއެވެ. އަވި ބޭނުން ނުވާ މި ސޯލާގައި ހުންނަ މިދެންނެވި ޕާޓިކްލްސްތަކުގެ ސަބަބުން ސީދާ އިރުގެ އަލި ނުލިބުނު ނަމަވެސް، އެ ސޯލާގައި އަލި އުފައްދައިދެއެވެ. މި އަލިން ކަރަންޓު އުފައްދައި ދެއެވެ.

މި ސޯލާ ވެގެން ދާނީ އެންމެ ތިމާވެއްޓާ ރައްޓެހި އިއާދަ ކުރަނިވި ހަކަތަ އުފައްދައިދޭ ވަސީލަތަށެވެ. އެހެނީ މީގައި އުކާލެވޭ ކުނީގެ ބާވަތެއް ބޭނުން ކުރާތީއެވެ.