ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ޕިއޭރް-އެމެރިކް އޮބާމަޔަން ވައްދާލި ހެޓްރިކާއެކު 4-1 އިން ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ 24 މެޗުން 42 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. މި މެޗުން ބަލިވި ވެލެންސިއާ އޮތީ 25 މެޗުން ލިބުނު 30 ޕޮއިންޓާއެކު 12 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އަދިވެސް އުޅޭ ރެއާލް މެޑްރިޑަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާ އޮތީ 51 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް 25 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ބާސެލޯނާ އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިިދިނީ އޮބާމަޔަން އެވެ. އޭގެފަހުން، މެޗުގެ 38 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޯންގެ ގޯލުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އޮބާމަޔަން ވަނީ އިތުރު ލަނޑެއްޖަހައި ބާސެލޯނާ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.

އެކަމަކު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާލޯސް ސޮލެއާ ވަނީ ވެލެންސިއާ އަށް ފަރަގު ކުޑަކޮށްދީފައެވެ. ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ އޮބާމަޔަން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޕެޑްރީ ފޮނުވާލި މި ބޯޅަ ގޯލަށް ވަނީ އޮބާމަޔަންގެ ގައިގަ ޖެހިފައި ކަމަށްވާތީ މެޗު ރިޕޯޓްގައި އެ ގޯލް ހިމަނާފައިވަނީ އޮބާމަޔަންގެ ގޯލެއްގެ ގޮތުގައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބެޓިސްގެ ދަނޑުގައި 2-1 އިން މަޔޯކާ ބަލިކުރިއިރު އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް ސޮސިއެޑާޑް ބަލިވީ 4-0 އިންނެވެ.