ދިވެހިންގެ ތެރޭގައި އާންމު އެއް ބައްޔަކީ ހަކުރު ބައްޔެވެ. ގައިންގަޔަށް އެރުމުގެ ގާބިލުކަން ލިބިފައިނުވާ މި ބައްޔަކީ ދުނިޔޭގައިވެސް ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ބައްޔެކެވެ. އަދި މިއީ އޭގެ ސަބަބުން އެތައް އުނދަގުލަކާއި ވޭނެއް، އަދި އެހެންބަލިތަކުގެ ހާލަތު ބޮޑުކޮށްދީ ގޯސްކޮށްދޭވެސް ބައްޔެކެވެ. އެހެންކަމުން ހަކުރުބަލި ނުޖެހި ތިބި މީހުން، އެ ބަލި ޖެހުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންވާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވިދާނޭ ބައެއް ކަންތައްތަކުގެ މައްޗަށެވެ.

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ބާރަކީ ދިރިއުޅުމުގެ އާދަތަކެވެ. އަދި މި އާދަތަކުގެ ހެޔޮބަދަލަކީ އެ ބަލިތަކުގެ ސަބަބުން ދިމައިވާ ކަންކަން މަދުކޮށްދީ، އެ ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަކޮށްދީ ލަސްކޮށްދޭނޭކަމެކެވެ. ހަކުރުބަލިންވެސް ރައްކާތެރިވުމަށް އޮތީ ހަމަ މިފަދަ މަގެކެވެ.

ބަރުދަން އިތުރުމީހުން، ބަރުދަން ލުއިކުރުމަކީ ހަކުރުބަލީގެ ނުރައްކަލުން ސަލާމަތްވެދާނޭ ކަމެކެވެ. އެމެރިކަން ޑައިބެޓިކްސް އެސޯސިއޭޝަނުން ހާމަކުރާގޮތުގައި ދުނިޔޭގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ %50 އާއި %60 އާއި ދެމެދުގެ މީހުންނަކީ ބަރުދަން އިތުރު މީހުންނެވެ. އަދި ބަރުދަން އިތުރު މީހުން، އެމީހުންގެ ބަރުދަނުން %7 ލުއިކޮށްލުމުން ބަލި ޖެހުމުގެ ފުރުސަތު %40 އަށް ދަށްކޮށްދެއެވެ. އެހެންކަމުން ހަކުރުބަލިން ރައްކާތެރިވެ ހުރުމަށް އެކަށީގެންވާ ބަރުދަނެއްގައި ހުރުން މުހިންމެވެ.

ހެލިފެލިވެ ހަރަކާތްތެރިވެ އުޅުމަކީ ވަރަށްގިނަ ސިއްހީ މައްސަލަތަކުން ދުރުކޮަށްދޭ ކަމެކެވެ. ހަކުރުބަލިންވެސް ރައްކާތެރިވެ ހުރުމަށް ހެލިފެލިވެ، ހަރަކާތްތެރިވެ އުޅުން މުހިންމެވެ. ހަރަކާތްތެރިވުމުގައި ކަސްރަތަކީވެސް މުހިންމު މަސްދަރެކެވެ. އެގޮތުން ގަވައިދުން ކުރެވޭ ކަސްރަތުތަކާއި ނުގަވާއިދުން ކުރެވޭ ކަސްރަތުތައް ހިމެނެއެވެ. ކަސްރަތުގެ އިތުރުން ހެލިފެލުވެ އުޅެވޭފަދަ މަސައްކަތް ކުރުމާއި، ހިނގުމާއި، ދުވުމާއި ފެތުމަކީވެސް މުހިންމު ކަންކަމެވެ. މިފަދައިން ހަރަކާތްތެރި މީހެއްގެ ހަށިގަނޑު، އިންސުލިން އަށް "ރައްދުދޭ" މިންވަރު އަވަސްވާނެއެވެ. އެހެންކަމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

ހަކުރުބައްޔަކީ ގިނައިން ހަކުރު ކެވިގެން ޖެހޭ ބައްޔެއް ނޫނެވެ. ނަމަވެސް ހަކުރުބަލި ޖެހިއްޖެނަމަ، ކެއުމުގައި ހަކުރުގެ މިންވަރު މަދުކުރަންވާނެއެވެ. އެހެނަސް ހަކުރުބަލި ނުޖެހޭ މީހަކު، ހަކުރުބަލިން ރައްކާތެރިވުމަށް ކެއުމުގައި ފަރުވާތެރިވާން ޖެހޭނެއެވެ. އެގޮތުން ތާޒާ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރުން މުހިންމެވެ. ފައިބަރު އެކުލެވޭ ކާނާ ކެއުމުން ފުދި އިތުރުވާ މިންވަރަށް ހަށިގަނޑުގެ ތެރެއަށް ހަކުރު ނަގާ މިންވަރު މަދުވާނެއެވެ. އަދި ފައިބަރު ހުންނަ ކާނާ ކާނަމަ، އަވަހަށް ބަނޑުހައިވުން މަދުވާނެއެވެ. އެއާއި އެކު ކެއުން މަދުވެ، ބަރުދަން އިތުރުމީހެއްނަމަ، ބަރުދަން ލުއިވުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން ހާއްސަކުރެވިފައިވާ ބައެއް "ޑައިޓުތައް" ހުރެއެވެ. މިފަދަ ޑައިޓެއްގައި ގާއިމުވެ ހުރުމަކީވެސް ކުރެވިދާނޭ ކަމެކެވެ.

ދުންފަތާއި އެކި ވައްތަރުގެ ކެމިކަލް އެއްކޮށްފައި ހުންނަ އަންދާ ފްލޭވަރ ތަކާއި، އެކި ދަރަޖަ ދަރަޖައިގެ ބަނގުރަލާއި މަސްތުވާ ތަކެއްޗަކީވެސް ހަކުރުބަލި ޖެހުމަށް މަގުފަހި ކުރުވަފާނޭ ތަކެއްޗެވެ. އެހެނީ އެ ތަކެތީގެ ސަބަބުން، ހަށިގަނޑު އިންސުލިންއަށް "ރައްދުދޭ" މިންވަރު ދަށްވެދާނެއެވެ. މިއީ ހަކުރުބަލި ޖެހުމަށް މެދުވެރިވެދާނޭ ކަމެކެވެ.

އެހެންކަމުން ހަކުރުބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ "ހެޔޮ" އާދަތައް އިސްކުރަން ޖެހެއެވެ. ބަރުދަން ލުއިކުރުމާ، ހެލިފެލިވެ އުޅުމާ، ދުޅަހެޔޮ ކާނާ ކެއުމާއި، ދިރިއުޅުމުގެ "ހުތުރު" އާދަތަކުން ދުރުވުން މުހިންމެވެ. އަދި މިނޫނަސް އެހެން ބައެއް ކަންކަން ހުރެދާނެއެވެ. އެހެނަސް މި ލިޔުމުގައި މި ފާހަގަ ކުރި ކަންކަމަށް އެންމެންވެސް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ.