ދިވެހިންގެ ކެއުމުގެ ތެރޭގައި ކާއްޓަކީ ވަރަށްވެސް މުހިންމު ކާނާއެކެވެ. އާންމު ގޮތެެއްގައި ދިވެހިންގެ ދިވެހި ވަންތަ ކެއުންތަކުގައި ކާއްޓަކީ ވަރަށްވެސް ބޮޑު ދައުރެއް އަދާކުރާ ކާނާއެކެވެ. އިހު ދިވެހީންގެ "ލުއިކާނާ" އަކީވެސް ކާއްޓެވެ. ކާށިން އެކި ވައްތަރުގެ ކާނާ ހަދާއިރު، ކާށި ގާނައި، އޭގެ ހުނިން ކިރު ފެލައެވެ. އަދި ކާށިން ތެޔޮވެސް ހަދައެވެ. މި ލިޔުމުގައި މި ބަލާލަނީ ކާށިން ލިބޭ ފައިތާތަކާއި އެ ފައިދާތަކުގެ ކުޑަ ތަފްސީލަކަށެވެ.
ކާއްޓަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއަންޓްސް އެކުލެވޭ އެއްޗެކެވެ. އެގޮތުން ކާށީގައި ފެޓުގެ މިންވަރަކީ ވަރަށްވެސް ގިނަ މިންވަރެކެވެ. މީގެ އިތުރުން ޕްރޮޓީން އާއި ވިޓަމިން ބީ އަދި ބައެއް މިނަރަލްތައް ހިމެނެއެވެ. ހަމަ އެއާއިއެކު މެގްނީޒިއަމް އަކީވެސް ގިނަ މާއްދާއެކެވެ. މިއީ ކަށިތަކުގެ ދުޅަހެޔޮކަމާއި ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ކޮލެސްޓްރޯލުގެ މެޓަބޯލިޒަމްއަށް ފަހި ކުރުވާ އެއްޗެކެވެ. ދަގަނޑުގެ މާއްދާއަކީވެސް ކާށީގައި ގިނަ މާއްދާއެކެވެ. މިއީ ލޭގައި ހުންނަ ހިމޮގްލޮބިންގެ ދުޅަހެޔޮކަން އިތުރުކޮށްދޭނޭ މާއްދާއެކެވެ.
ޑރ.އަނާ ޑިނާހީ ވަނީ، ކާށީގެ ކޮންމެ 100 ގުރާމެއްގައި ހުންނަ ބައެއް މާއްދާތަކުގެ ތަފްސީލު، ހެލްތްލައިން މަޖައްލާގައި ޝާއިއު ކޮށްފައެވެ. އެ ލިޔުމުގައި ވާ ގޮތުން، ކާށީގެ ކޮންމެ 100 ގުރާމަކުން 7.5 ގުރާމަކީ ޕްރޮޓީން އެވެ. 25 ގުރާމަކީ ކާބޯހައިޑްރޭޓްސްއެވެ. 18 ގުރާމަކީ ފައިބަރެވެ. އަދި 65 ގުރާމަކީ ފެޓުގެ މިންވަރެވެ. މީގެ އިތުރުން މެގްނީސް، ކޮޕާ، ޕޮޓޭސިއަން، ފޮސްފަރަސް އަދި ސެލީނިއަމް އަކީވެސް ކާށިގައި ހުންނަ މާއްދާތަކެކެވެ.
ކާށީގައި ހުންނަ ފެޓުގެ މިންވަރު ގިނަވި ނަމަވެސް، ޑރ. ޑިނާހީ ފާހަގަކުރާގޮތުގައި އެއީ ހަށިގަނޑަށް ފައިދާހުރި ފެޓެއް ކަމަށެވެ. އެހެނީ ކާށީގައި ހުންނަ މި ފެޓަކީ "މީޑިއަމް - ޗެއިން ޓްރިގްލައިސެރައިޑްސް" (އެމް.ސީ.ޓީ) ނަމަކަށް ކިޔާ ބާވަތެއްގެ ފެޓެކެވެ. މިއީ ހަޖަމުގައި ގިނަ ވަގުތު ހޭދަނުވާ، އަވަހަށް ލޭގެ ތެރެއަށް ދަމައިގަންނަ ފެޓެކެވެ. ކުޑަގޮހޮރުން މި ފެޓުގެ މާއްދާ ލޭގެ ތެރެއަށް ނެގުމާއި އެކު، ލޭގެތެރެއިން މި ފެޓުގެ މާއްދާ ހަކަތައިގެ ގޮތުގައި ބޭނުން ކުރެވެއެވެ. އެ ލިޔުމުގައި ޑރ. ޑިނާހީ އިތުރަށް ފާހަގަ ކުރާގޮތުގައި ކާށީގައި ހުންނަ ފެޓުގެ ސަބަބުން މީހާގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވައިދެއެވެ. ކާށި ތެކަލީ ކޮލެސްޓުރޯލު ދަށްކޮށްދޭ އެއްޗެއްކަމަށްވެސް އެ ލިޔުމުގައި ވެއެވެ. ކާށި ތެޔޮ ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި ހުންނަ ރަނގަޅު ކޮލެސްޓްރޯލްގެ (އެޗް.ޑީ.އެލް) މިންވަރު އިތުރުވެއެވެ. ނަމަވެސް ނުބައި ކޮލެސްޓްރޯލް (އެލް.ޑީ.އެލް) މަދުވެއެވެ. އެހެންކަމުން ޖުމުލަކޮށް ކޮލެސްޓްރޯލްް ދަށްކޮށް ނުދިނަސް، ކޮލެސްޓްރޯލުގެ ނުބައި ވައްތަރު މަދުކޮށްދެއެވެ.
އެ ލިޔުމުގައި އިތުރަށް ފާހަގަ ކޮށްފައިވަނީ ހާލިސް ކާށިތެލުން ހިތުގެ ބަލިތަކާއި ހަކުރުބަލި ޖެހުމުން ދުރުކޮށްދޭ ކަމަށެވެ. އެކަން އެހެން ހިނގަނީ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރޭތީއެވެ. "އޮބެސިޓީ" ހުންނަ މީހުންގެ (ފަލަކޮށްތިބޭމީހުންގެ) 20 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި 4 ހަފްތާވަންދެން ކޮންމެ ދުވަހަކު 3 އެމް.އެލް ހާލިސް ކާށިތެޔޮ ބޭނުން ކުރުމުން އެއިން ކޮންމެ މީހެއްގެ ގައިގެ ވަށަމިނުން އެވްރެޖުކޮށް 3 ސެންޓިމީޓަރު ވަނީ ކުޑަވެފައެވެ. އެ މީހުންގެ އެކި އެކި ތަހުލީތަކުން ދައްކާގޮތުގައި އެމީހުންގެ ގައިގައި ޖަހާފައި ހުރި ސަރުބީތަކުގެ މިންވަރު ވަނީ މަދުވެފައެވެ. ނަމަވެސް ބައެއް މީހުންގެ ރަނގަޅު ކޮލެސްޓްރޯލް (އެޗް.ޑީ.އެލް) ގިނަވެފައި ހުރިކަން އެ ދިރާސާއިން ހާމަވެފައި ވެއެވެ. މީގެ އިތުރުން "އޮބެސިޓީ" ގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތުން %20 ވަނީ ދަށްކުރެވިފައި ކަމަށްވެސް ޑރ. ޑިނާހީ ވަނީ ލިޔުއްވާފައެވެ.
މީގެ އިތުރަށް ކާއްޓަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހުންނަ އެއްޗެކެވެ. އެންޓިއޮކްސިޑަންޓްސް އަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަށް ނެތިކޮށްލާ ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެގޮތުން ކާށީގައި ހުންނަ އެންޓިއޮކްސިޑަންޓްސް ގެ ބާވަތްތަކުގެ ތެރޭގައި ގެލައިކް އެސިޑް، ކެފެއިކް އެސިޑް، ސެލައިލިކް އެސިޑް އަދި ޕީ-ކޮއުމަރިކް އެސިޑް ހިމެނެއެވެ.
ކާއްޓަކީ ދިވެހިންގެ ކެއުމުގައި ގިނަ ބާވަތަކަށް ވީ އިރު، ކާއްޓަކީ އެއިން އެތައް ފައިދާއެއް ވެސް ލިއްބައިދޭ ކާނާއެކެވެ. ކޮންމެ އެއްޗެއްވެސް ކެއުމުގައި މިންގަނޑެއް، އިމެއް، ހުދޫދެއް އޮންނަންވާނެއެވެ. އެހެންކަމުން ކާށި ނުވަތަ ކާށި ބޭނުން ކޮށްގެން އުފައްދާ ތަކެތި ކެއުމުގައިވެސް "ހައްދުފަހަނައަޅައި" ނުދާށެވެ.
