ދުނިޔޭގައި ކަންކަން ހިނގާނީ އެކިފަހަރު އެކި ގޮތަށެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނެވެނީ މިހެންވެގެންނެވެ. ހިތްހަމަ ޖެހޭ ކިތަންމެ ކަމަކާ، ދެރަވެ މާޔޫސްވާ ކިތަންމެ ކަމަކާ ހިތްހަމަ ނުޖެހޭ ކިތައްމެ ކަމެއް މި ދުނިޔޭގައި ހިނގާނެއެވެ. މި އުޑާއި އުޑުދަށުގައިވާ މި ބިމާއި، ބިމުގައިވާ ފުން ކަނޑުތައް އެކުވެ، މިއަށް ދުނިޔެއޭ ކިޔެނީ، މިތަނުގައި މިހިރަ މިހިރަ ކަންކަން ހިނގާތީއެވެ. އެހެނީ ހިތްހަމަ ނުޖެހުމެއް، ހިތް ނުތަނަވަސްވުމެއް، ފޫހިކަމެއް އަދި އެއްވެސް ޒާތެއްގެ ޝަކުވާއެއް ނުވާތަނަކީ ސުވަރުގެ ކަމުގައި ވާތީއެވެ. އިންސާނާގެ ވިސްނުން ކޮށި ނަމަވެސް މިކަން މި ބީދައިން ގަބޫލުކުރަން ޖެހޭނެއެވެ. އިންސާނާ ފުރިހަމަ އިންސާނަކަށް ވާނީވެސް މިކަން މިގޮތަށް ގަބޫލު ކޮށްގެންނެވެ.
އިންސާނާ އަބަދުވެސް އުންމީދު ކުރާނީ ހެވާއި ރަނގަޅަށެވެ. ބައެއްފަހަރު މި ހެވާއި ރަނގަޅަކީ ތިމާއަށާއި ތިމާގެ އަހުލުންނަށް އެކަނި ވާ ހެވަކަށް ނުވަތަ ރަނގަޅަކަށް ވެދާނެއެވެ. ކޮންމެއަކަސް ކޮންމެ ނަޒަރަކުން އުންމީދު ކުރިނަމަވެސް، އެ އުންމީދުތަކާއި އެއްގޮތަށް މި ދުނިޔޭގައި އަބަދުމެ ކަންކަމެއް ނުހިނގާނެއެވެ. ތިމާ އުންމީދުކޮށްގެން ހުންނަ ކިތަންމެ ކަމެއް ވެފާ، އަދި ވަމުންދާ ފަދައިން، ނުވެ، ނުވަމުންވެސް ދާނެއެވެ. މިފަދައިން އުންމީދުކުރާ ގޮތާ އެއްގޮތަށް ކަންކަން ވާ ކޮންމެ ފަހަރަކު އެކަމަކާ އިންސާނާ އުފާކުރާނެއެވެ. މިއީ އިންސާނީ ޠަބީއަތެވެ. ހަމަ އެފަދައިން އިންސާނާ އުންމީދުކުރި ނުވަތަ ކުރާ ގޮތަކާއި ހިލާފަށް ކަމެއް ދިމައިވުމުން ހިތްހަމަނުޖެމަކީވެސް އިންސާނާގެ ޠަބީއަތެކެވެ. ނަމަވެސް މިފަދައިން ހިތްހަމަނުޖެހޭ ހާލަތްތަކުގައި، އެ ހިތްހަމަނުޖެހެވުމުގެ މަތީން، ރުޅި އިސްކުރުމަކީ ހުތުރު އަދި މުޑުދާރު ކަމެކެވެ. އެހެނީ އެފަދައިން ރުޅި އިސްކުރާ މީހާއީ ދުނިޔޭގެ ނިޒާމާއި ކާއިނާތުގެ ގަވައިދު ނުދަނެ، އެތަންތަނުގައި އުޅޭ މީހަކަށް ވާތީއެވެ.
އުންމީދު ކުރި ގޮތަކާއި ހިލާފަށް ކަމެއް ވުމުން އެކަން އެ ވީ ގޮތަކަށް ވުމުގައި މެދުވެރިވި ސަބަބުތަކާއި މެދު އިންސާނާ ރުޅި އިސްކުރެއެވެ. އެއީ ތަނެއް، އެއްޗެއް، ކަމެއް ނުވަތަ މީހެއް ކަމުގައި ވީނަމަވެސް މެއެވެ. ތަނެއް ނަމަ އެތަނެއް ހުރުމުން ނުވަތަ އެތަން ހުރިތަނެއްގޯސްކޮށް ވާހަކަ ދެއްކެއެވެ. އެއްޗެއްނަމަ، އެ އެތީގައި އެވެނި މިވެނި ކަމެއް ހުރީތީއޭ ބުނެ ޝަކުވާ ކުރެވެއެވެ. ކަމެއް ދިމައިވި ނަމަ، އެކަން އެވަގުތު ވާން ޖެހޭހޭ، ނުވަތަ އެކަމެއް ވުމުން މިއީ ދެން ކިހާބޮޑު ކަމެއްހޭ ބުނެ ރުޅިވެރިކަމުގެ ޝުއޫރުތައް ފާހަގަ ކުރެވެއެވެ. މީހެއް ނަމަ، އެމީހަކު އެހެން ހެދީއޭ، އެމީހަކަށް މިހެން ހަދައިދިނީއޭ ނުވަތަ އެމީހަކު އެވެނި މިވެނި ގޮތަކަށް ކަން ކުރީއޭ ބުނެ އެމީހާ ކުށްވެރި ކުރުވައެވެ. އާދެހެވެ! ފަހަރުގައި މިކަންކަމުން ކަމެއް، ހިނގާފައިވެސް އޮވެދާނެއެވެ. އެހެންނަމަވެސް މާތް ﷲ ގެ އިރާދަފުޅާއެކު އަދި ދުނިޔެ ހުހެއް ނުވެއެވެ. އެ އިލާހުގެ ކުޅަދުންވަންތަ ކަމާއެކު ތިބާ އަދި މަރެއްވެސް ނުވެއެވެ. މާދަމާ ވާން އޮތީ ކިހާ ފައިދާހުރި، ކިހާ ރަނގަޅު ކަމެއްކަން ތިބާއަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭނެއެވެ.
ކަންމިހެން އޮތުމުން އެފަދަ އުންމީދަކާ އެއްގޮތަށް ކަމެއް ނުވުމުން، ރުޅި އިސްނުކުރާށެވެ. އާދޭހެވެ! ހިތްހަމަ ނުޖެހެވިދާނެއެވެ. ނަމަވެސް އޭގެ މަތިން، ރުޅި އިސްނުކުރާށެވެ. މިފަދައިން ރުޅި އިސްކުރާނަމަ، ދެން ވާން އޮތް، މާ ބޮޑު ހެޔޮ ގޮތް ގެއްލިގެން ވެސް ހިނގައިދާނެއެވެ. ޣައިބު އަދި މާދަމާ ކަންވާނޭ ގޮތް އިންސާނުންނަށް ވަންހަނާކުރައްވާފައިވަނީ ވެސް ކޮންމެވެސް ސަބަބެއް އޮވެގެންކަން ގަބޫލުކުރަންވާނެއެވެ. ތިބާއަށް އެންމެ މޮޅު ގޮތް، ތިބާއަށް ވުރެ ބޮޑަށް، ނެތުމުގެ ތެރެއިން ްތިބާ އުފެއްދެވި އިލާހު ދެނެވޮޑިގެންވާނެއެވެ. އެހެންކަމުން ތިބާ އަމިއްލައަށް ކުރާ އުންމީދެއް ހާސިލްނުވުމުން އެކަމާ ރުޅި އިސްނުކުރާށެވެ. އެފަދައިން ރުޅި އިސްކުރުމަކީ މި ދުނިޔޭގައި، ގިނަ ބައެއްގެ ތެރޭގައި އުޅެންވެސް އުނދަގޫވާނޭ ކަމެކެވެ. އަދި އެއީ ޤަޟާ ޤަދަރަށް އީމާންވުމުގެ މަގުން ބޭރުވެސް ވެދާނޭ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން