އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 26 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައިގައި އޮތީ 26 މެޗުން 46 ޕޮއިންޓް ހަމަކޮށްގެންނެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލީޑްސްގެ ސްޓުއާޓް ޑަލާސްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑު، ޖޮއެލް މެޓިޕް ކާމިޔާބުކުރީ ސަލާހު ދިން ޕާހަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން ސަލާހު ވަނީ ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ސަލާހު މި ލަނޑުޖެހީ ވެސް ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ލީޑްސްގެ ލޫކް އައިލިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފަހު 10 މިނެޓުގައި މާނޭ ވައްދާލި ދެލަނޑާއެކު ލިވަޕޫލުން ވަނީ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ހަވަނަ ލަނޑުޖެހީ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. މިއީ އެ ޓީމުގެ ފުލްބެކް އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ވެން ޑައިކް ބޮލުން ކާމިޔާބުކުރި ގޯލެކެވެ. 

ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި 1-0 އިން ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އަތުން ބަލިވެފައެވެ. މި މެޗުގައި ބާންލީގެ ހަމައެކަނި ލަނޑުޖެހީ ކެޕްޓަން ބެން މީ އެވެ. ވަޓްފޯޑްގެ ދަނޑުގައި 4-1 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު، ވިލްފްރައިޑް ޒަހާ ދެލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ޖީން-ފިލިޕް މަޓޭޓާ އާއި ކޮނާ ގަލަގާ އެވެ. ވަޓްފޯޑްގެ ހަމައެކަނި ލަނޑުޖެހީ މޫސާ ސިސޯކޯ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އާސެނަލްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 01:00 ގައެވެ.