ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި 1-1 އިން މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުކޮށްފިއެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާރިޗް މަހުގެ 16 ވަނަ ދުވަހު ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެތުލެޓިކޯ އަށް މިލަނޑުޖަހައިދިނީ ޔާއޯ ފެލިކްސް އެވެ. މިއީ އެ ޓީމުގެ ފުލްބެކް ރެނާން ލޯޑީ ނެގީ ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ފެލިކްސް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް އެތުލެޓިކޯގެ ލީޑް ފުޅާކޮށްދޭން ސިމޯ ވްރިޝާލްކޯ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފްގެ ގައިގަ ޖެހިފަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންތަނީ އެލަންގާ އެވެ. އެލަންގާ މިލަނޑުޖެހީ އެ ޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. މިއީ އެލަންގާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ދެވަނަ ގޯލެވެ. އޭނާ މި ދެ ލަނޑުވެސް ޖެހީ ފެނާންޑޭސްގެ އެސިސްޓުންނެވެ. އަދި މި މެޗުގައި އޭނާ ޖެހި ގޯލަކީ ޔޫރަޕިއަން ކަޕް (ޗެމްޕިއަންސް ލީގު)ގެ ތާރީޚުގައި ޔުނައިޓެޑްގެ 500 ވަނަ ލަނޑެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕޯޗުގަލްގެ ބެންފީކާގެ ދަނޑުގައި ނެދަލެންޑްސްގެ އަޔެކްސް އެމްސްޓެޑަމް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ސާބިއާގެ މިޑްފީލްޑަރު ޑޫސާން ޓަޑިޗްގެ ގޯލުން އަޔެކްސް ލީޑްނަގާފައިވަނިކޮށް އެ ޓީމުގެ ފޯވާޑް ސެބާސްޓިއަން އަލެއާ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބެންފީކާ އިން ނަތީޖާ ހަމަހަމަކުރިއެވެ. އޭގެފަހުން، އަލެއާ ވަނީ އަޔެކްސް އަށް އަލުން ލީޑްނަގައިދީފައެވެ. އެކަމަކު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޔޫކްރޭންގެ ފޯވާޑް ރޯމަން ޔަރެމްޗުކް ވަނީ ބެންފީކާ އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.