އިންސާނާގެ ކުޑަކަމުދާ ނިޒާމަކީ މާތް ﷲ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ވަރަށް ފުރިހަމަ ނިޒާމެކެވެ. އެހާމެ ފަށުވި ތަރުތީބަކުން އިންތިޒާމުވެ ހިނގާ ޤުދުރަތުގެ ފުރިހަމަ ފަރުމާއެކެވެ. ކުޑަކަމުދާ ނިޒާމުގައި، ކުޑަކަމުދާތަކެތި ހަށިގަނޑުން ބޭރުކޮށްދެނީ ކުޑަކަމުދާ ހޮޅިންނެވެ. މިއަށް އިނގިރޭސިބަހުން ޔުރެތްރާ އޭ ކިޔައެވެ. ކުޑަކަމުދާ ހޮޅި ބެދުން ނުވަތަ ހަނިވުމަކީ އެ ނިޒާމަށް ކުރިމަތިވާ "ނިކަމެތި" ހާލަތަކެވެ. މި ހާލަތަށް ނުވަތަ މި ބައްޔަށް "ޔުރެތްރަލް ސްޓްރިކްޗަރ" އޭ ކިޔައެވެ.
މި ހާލަތު ކުރިމަތިވުމުން، މަސާނާއިން ކުޑަކަމުދާތަކެތި ބޭރުކުރުމުގައި އުނދަގޫތަކެއް ދިމައިވާނެއެވެ. ކުޑަކަމުދާ ހޮޅި ހިމަވެ އެއިން ކުޑަކަމުދާތަކެތި ދަތުރުކުރާ މިންވަރު މަދުވާނެއެވެ. މި ހާލަތު ދިމައިވުމުން އޭގެ ސަބަބުން އިތުރު އެހެން އުނދަގޫތަކާއި މައްސަލަތައް ކުރިމަތި ވާނެއެވެ.
ޔުރެތްރަލް ސްޓްރިކްޗަރ ގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، މާސާނާ އެއްކޮށް ހުސްނުވުމާއި އެކު އަވަސް އަވަހަށް، މަދު މިންވަރުން ކުޑަކަމު ދެވުން ހިމެނެއެވެ. މީގެ އިތުރުން ކުޑަކަމުދާން ގަދަ ބާރެއް ލާން ޖެހުމާއި އެކު ތަދެއް އިހުސާސް ކުރެވޭނެއެވެ. ހަމަ އެއާއި އެކު ކުޑަކަމު ދެވޭ އިރު، އެތި އެތި ކޮޅުން ކުޑަކަމު ދެވުމާއި "ބުރައިގެން" ދާ ގޮތަށް ދެވުން ހިމެނެއެވެ. މި ބަލީގެ އަނެއް އަލާމާތަކީ އަވަސް އަވަހަށް ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަނެ ކުޑަކަމުދާއިރު ދިލަނެގުމެވެ. އަދި ހޮޅި ހިމަވެފައިވަނިކޮށް، ގަދަ ބާރެއް ލަމުން ކުޑަކަމުދާން މަސައްކަތް ކުރެވޭނަމަ، ކުޑަކަމުދާ ހޮޅީގެ "ފާރު" ހަލާކުވާ ގޮތްވެ އަނިޔާ ލިބިދާނެއެވެ. އެހެން އެކަން ވެއްޖެނަމަ، ކުޑަކަމުދާއިރު ލޭ އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކުޑަކަމުދާ ހޮޅި ހިމަވެ ބެދޭގޮތްވަނީ އެ ހޮޅީގެ މަސްތަކަށް ނުވަތަ ޓިޝޫތަކަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެގޮތުން ކުޑަކަމުދާ ހޮޅިއަށް ކެމެރާ ލައްވައިގެން ހަދާ ސްކޭންތަކާއި ކުޑަކަމުދާ ކޮތަޅު ގުޅަން، ކުޑަކަމުދާ ހޮޅި ލެއްވުމުގައި ދިމައިވާ މައްސަލަތައް ހިމެނެއެވެ. އަދި މިފަދައިން ކުޑަކަމުދާ ކޮތަޅު ގުޅާފައިވާ ހޮޅި، ލައްވާފައި ގިނަ ދުވަސްތައް ހޭދަވާނަމަވެސް ކުޑަކަމުދާ ހޮޅި (ޔުރެތްރާ) ގެ މަސްތަކަށް އަނިޔާ ލިބިދާނެއެވެ. ޕްރޮސްޓޭޓު ގުލޭންޑު ދުޅަވުމާއި ބޮޑުވުމުގެ ސަބަބުންވެސް ކުޑަކަމުދާ ހޮޅި ހިމަވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ރޭޑިއޭޝަން ތެރަޕީގެ ސަބަބުންވެސް މިކަން މިގޮތަށް ދިމައިވެދާނެއެވެ. އަދި ޖިންސީ ގުޅުމުން ޖެހޭ ބައެއްކަހަލަ ބަލިތަކުގެ ސަބަބުންނާއި ކުޑަކަމުދާ ނިޒާމުގެ ބައެއް އިންފެކްޝަން ތަކުގެ ސަބަބުންވެސް ޔުރެތްރަލް ސްޓްރިކްޗަރ އަށް މަގުފަހި ވެދާނެއެވެ.
