އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ޖެނޯއާއާ ލަނޑެއްނުޖެހި އެއްވަރުވެ އިންޓަ މިލާނުން ތާވަލްގެ އެއްވަނަ އަށް އަރަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މި ނަތީޖާއާއެކު ދެވަނައިގައި އިންޓަ އޮތީ އެންމެ ކުރީގައި އުޅޭ އޭސީ މިލާނަށް ވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ. އެއްވަނައިގައި އުޅޭ މިލާނަށް 27 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އަށް 26 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 26 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އޮތީ 26 މެޗުން ލިބުނު 47 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ޖެނޯއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ތުރުކީ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ އަށް އެ ޓީމަށް ލަނޑެއްޖަހައިދޭން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗު ނިމެން ދަނިކޮށް ސްޓެފަން ސްޓުރާރޯ އަށް ޖެނޯއާ މޮޅުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.
ލީގުގައި ރޭ މިލާނުގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް ރަފައެލް ލެއޯ ލީޑްނަގައިދީފައިވަނިކޮށް އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ޑެސްޓިނީ އުޑޮޖީ އެވެ.
ރޭގެ މެޗަކީ ސެރިއޭގެ ތާރީޚުގައި މިލާނަށް ނިސްބަތްވާ ދެ ކްލަބުގެ (ދެމެދުގައި ކުޅުނު މެޗެއް ފިޔަވައި) މެޗެއް ހުކުރު ދުވަހުގެ ރޭ ކުޅުނު ތިންވަނަ ފަހަރެވެ.
މި މުބާރާތުގައި އަންނަ އާދީއްތަ ދުވަހު ލާޒިއޯގެ ދަނޑުގައި ނަޕޯލީ ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެއްވަނަ ލިބޭނެ އެވެ. ލީގުގައި ނަޕޯލީ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
