ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ފުލުހުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކި ވަރުވަރުން ގޯނާކޮށް އަނިޔާކުރަމުންނެވެ. މި ހިނގާ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު މީސްމީޑިޔާގައި ވަނީ އެފަދަ ވީޑިއޯއެއް އާންމުވެފައެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މީސްމީޑިޔާގައި ދައުރުވި މި ވީޑިއޯގައި ފެންނަނީ ފަލަސްތީނުގެ، ޑައުންސިންޑްރޯމް ހުންނަ މީހަކަށް، އިސްރާއީލުގެ ފުލުހުން އަނިޔާކުރާ މަންޒަރެވެ. އުމުރުން 25 އަހަރުގެ މުޙައްމަދު އަލް އަޖްލޫނީ ނަމަކަށް ކިޔާ މި ޒުވާނާގެ ގައިގައި އިސްރާއީލު ފުލުހުން އޮޅުލައިގަނެ ގަދަކަމުން ދަމާގެންދާ މަންޒަރު ފެނެއެވެ. އަދި ޑައުންސިންޑްރޯމް ހުންނަ އެ ޒުވާނާ ރޮއެ ހަދާތަންވެސް ފެނެއެވެ. އަދި އެ ޒުވާނާގެ މަންމައާއި ބައްޕަ، އެ ޒުވާނާ ކައިރީގައި ހުއްޓާ، ދުރައްލާ ކޮށްޕާ މަންޒަރުވެސް ފެނެއެވެ. މަންޒަރު ދުއް ފަރާތްތަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނާގޮތުން އެ ޒުވާނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ނަމަވެސް ފަހުން ފެންނަ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ޒުވާނާ ވަނީ ފަލަސްތީނުގެ ރެޑްކްރޮސެންޓުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އެމްބިއުލަންސެއްގައި ހޮސްޕިޓަލަށް ފަރުވާއަށްވެސް ގެންދާތަން ފެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން، ޑައުންސިންޑްރޯމް ހުންނަ އަލްޖޫނީއަށް ވަނީ ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި ކަރާއި ކަނާތު ކޮނޑުހުޅުގައި ނޫފާގަނެފައި ހުރި ތަންތަންވެސް ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ޑައުންސިންޑްރޯމް ހުންނަ މީހުން ނުވަތަ ކުދިންނަކީ ނަފްސާނީ ދުޅަހެޔޮކަމުގައި "އުނި" ކަމެއް ހުންނަ ބައެކެވެ. އެއާއި އެކު އެކުދިންނަށް ލިބޭ އިތުރު ބިރުވެރިކަމާއި ހާސްކަން ވެގެންދާނީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ބަލިކަށި ކުރުވާ ކަމަކަށެވެ.
މީސްމީޑިޔާގައި ގިނަބަޔަކު ދަނީ އިސްރާއީލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އަދި މިފަދަ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފަލަސްތީނާއި އެކު ތެދުވުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
