ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ފަހުވަގުތު ކަރީމް ބެންޒެމާ ވައްދާލި ލަނޑާއެކު ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ހޯދީ މޮޅާއެކު ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިއީ ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ތިންވަނަ ފަހަރެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް އެއްވަނައިގައި އޮތީ 26 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ސެވިއްޔާ އޮތީ 25 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް ބެޓިސް އަށް 25 މެޗުން ލިބުނު 46 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، އެތުލެޓިކޯ މެޑްރިޑް އޮތީ 26 މެޗުން ލިބުނު 45 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ކާމިޔާބުކުރި ގޯލެއް ވީއޭއާރް އިން ބެލުމަށްފަހު ވަނީ އޮފްސައިޑްކަމަށް ނިންމައި ގަބޫލުނުކޮށްފައެވެ. މި މެޗުގައި ވަޔެކާނޯގެ ފޯވާޑް ސާޖީ ގާޑިއޯލާ އަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. މީގެއިތުރުން، އެ ޓީމުގެ އޮސްކާ ޓްރެހޯ އާއި އަލްވާރޯ ގާސިއާ ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ.

ރެއާލަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ ވަޔެކާނޯގެ ގޯލްކީޕަރު ލޫކާ ޒިދާން ހުއްޓުވިއެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ރެއާލްގެ ހަމައެކަނި ލަނޑު، ބެންޒެމާ ކާމިޔާބުކުރީ އެ ޓީމުގެ ވިނީޝަސް ޖޫނިއާ އާއެކު ހެދި ވަން-ޓޫ އަކަށްފަހު އެވެ. މިއީ ލީގުގައި އޭނާ ކުޅުނު 23 މެޗުގައި ޖެހި 19 ވަނަ ލަނޑެވެ.

ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ސެލްޓާ ވިގޯ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ބްރެޒިލްގެ ފުލްބެކް ރެނާން ލޯޑީ އެވެ.