އިނގިރޭސި ޕްރިމިޢާ ލީގުގައި ރޭ ރަށުން ބޭރުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ގޯލާއެކު މެންޗެސްޓާ ސިޓީން 1-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށް ތާވަލްގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއްނެގިއިރު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރެލިގޭޝަން ޒޯންގައި އޮތް ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެގެން ލިވަޕޫލް އޮތީ އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް އޮތީ 27 މެޗުން ލިބުނު 47 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ގުޑިސަން ޕާކްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ގިނަ ހަމަލާތަކެއް އެވަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުއްޓުވާފައެވެ. އެގޮތުން، ސިޓީގެ ފޯޑެން އާއި ޔާއޯ ކަންސޭލޯގެ އިތުރުން ކެވިން ޑި ބްރޭނާ އަދި ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާތައް ޕިކްފޯޑް މަތަކުރިއެވެ.

ސިޓީން މޮޅުވި ލަނޑު، 82 ވަނަ މިނެޓުގައި ފޯޑެން ކާމިޔާބުކުރީ އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. އޭގެފަހުން، އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދޭން އެ ޓީމުގެ ބްރެޒިލް ފޯވާޑް ރިޗާލިސަން އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ވަޓްފޯޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު ޓުވިޓާ

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑްނަގައިދިނުމާ ގާތަށް ޖެހިލާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އޭގެފަހުން، ރޭގެ މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް ފޮނުވާލި ދެ ހަމަލާއެއް ވަޓްފޯޑްގެ ގޯލްކީޕަރު ބެން ފޮސްޓާ މަތަކުރިއެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑްގެ ޒުވާން ވިންގާ އެންތަނީ އެލަންގާ އަށް ލިބުނު ފުރުޞަތު ބޭކާރުވިއިރު، ރޮނާލްޑޯ ފޮނުވާލި ހަމަލާ ވަޓްފޯޑްގެ ކުޅުންތެރިން ބްލޮކްކުރިއެވެ. މި މެޗު ނިމެން ދަނިކޮށް އިތުރުވަގުތުގައި ވަޓްފޯޑް މޮޅުކޮށްދޭން އިސްމާއިލާ ސާރ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ރޭގެ މެޗަކީ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވެގެން ނިމުނު ތިންވަނަ ފަހަރެވެ. އަނެއް ދެ މެޗުން މޮޅުވިއެވެ. މިއާއެކު އެ ޓީމުން ގަދަ ހަތަރެއްގެ ރޭހުގައި ހިމެނުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

މި މުބާރާތުގައި ލީޑްސް ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-0 އިންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މެޓް ޑޮހާޓީ، ޑޭޔަން ކުލުސެވްސްކީ، ހެރީ ކޭން، ސޮން ހެއުން-މިން އެވެ. ބްރެންޓްފޯޑްގެ ދަނޑުގައި 2-0 އިން ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަންގެ ދަނޑުގައި އެސްޓަން ވިލާ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ބާންލީ އިން ވަނީ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.