ކަރަބާއޯ ކަޕް ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން 11-10 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މިއީ ލިވަޕޫލުން މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މިހާތަނަށް ދެވަނަ އަށް އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން ވަނީ 8 ފަހަރަށް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިފައިވާއިރު، އެންމެ ފުރަތަމަ އުފެއްދި ހަމަލާގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ މަތަކުރިއެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ވަނީ އެ ޓީމަށް ލީޑްނަގައިދޭން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ނަބީ ކެއިޓާ ފޮނުވާލި ބޯޅައެއް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ މާނޭ ފޮނުވާލުމުން ވެސް މެންޑީ ވަނީ ހުއްޓުވާފައެވެ.

މި މެޗުގައި ޗެލްސީ އަށް ލަނޑެއްޖަހައިދޭން އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓަށް ވަނީ ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގައި ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. މީގެތެރެއިން އެއް ބޯޅަ ބޭރުވީ ގޯލްގެ ދަނޑީގައި ޖެހިފައެވެ. ދެވަނަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އޭގެފަހުން، ޗެލްސީގެ ކައި ހަވާޓްޒް ކާމިޔާބުކުރި ގޯލެއް ވެސް އޮފްސައިޑް ކަމަށް ނިންމާ ރެފްރީ ގަބޫލެއްނުކުރިއެވެ. ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަން ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ސަލާމަތްކުރިއިރު، އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލާ ގުޅުނު ކޮލަމްބިއާގެ ވިންގާ ލުއިސް ޑިއާޒް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު މެންޑީ އެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވުމުން ދެން ކުޅެވުނު އިތުރުވަގުތުގައި ވެސް ޗެލްސީގެ ގޯލެއް ވަނީ ވީއޭއާރް އިން ބެލުމަށްފަހު ގަބޫލުނުކޮށްފައެވެ. އެގޮތުން، އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ކާމިޔާބުކުރި މި ލަނޑު ވީއޭއާރް އިން ބެލުމަށްފަހު ގަބޫލުނުކުރީ ވަރަށް ކުޑަ ފަރަގަކުން އޮފްސައިޑްވުމުންނެވެ. އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ވެސް ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖެހުމުގެ ކުރީން އިތުރުވަގުތު ފަހު ހާފު ނިމެން ދަނިކޮށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އެ ޓީމުގެ އެއްވަނަ ކީޕަރު މެންޑީގެ ބަދަލުގައި ކެޕާ އަރިއްޒަބަލަގާ ކުޅެން އަރުވާފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ވެސް 11 ޕެނަލްޓީ ފޮނުވާލިއެވެ. މީގެތެރެއިން، ލިވަޕޫލުން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ ޖޭމްސް މިލްނާ، ފަބީނިއޯ، ވެން ޑައިކް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް، ސަލާހު، ޑިއޯގޯ ޔޮޓާ، ޑިވޮކް އޮރިގީ، އެންޑީ ރޮބަޓްސަން، ހާވީ އެލިއަޓް، އިބްރާހިމާ ކޮނާޓޭ، ކެލެހާ އެވެ ޗެލްސީގެ 11 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ކެޕާ ފޮނުވާލި ފަހު ޕެނަލްޓީއެވެ. އެ ޓީމުން އޭގެކުރީން ފޮނުވާލި 10 ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޗެލްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މާކަސް އަލޮންސޯ، ލުކާކޫ، ހަވާޓްޒް، ރީސް ޖޭމްސް، ޖޯޖީނިއޯ، އެންޓޯނިއޯ ރުޑިގާ، އެންގޯލޯ ކާންޓޭ، ޓިމޯ ވާނާ، ސިލްވާ، ޓްރެވޯ ޗަލޯބާ އެވެ.

މިއީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވިފަހުން އެ ޓީމުން ކާމިޔާބުކުރި ފަސްވަނަ ތަށްޓެވެ. މީގެކުރީން، ލިވަޕޫލުން ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕްގެ އިތުރުން 2020 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ތަށި އުފުލާލައިފައެވެ.