އެމިރޭޓްސް އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ރޭ ޕީޓަބަރާ ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މިޑްލްސްބަރާ އަތުން 1-0 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާ އެ މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ސިޓީން ރޭ ދެވަނަ ޑިވިޝަނުގެ ޕީޓަބަރާ ކޮޅަށް ވައްދާލި ދެލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 60 ވަނަ މިނެޓުގައި އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް ކާމިޔާބުކޮށްދިންއިރު، އޭގެ ހަތް މިނެޓުފަހުން ދެވަނަ ލަނޑުޖެހީ ޖެކް ގްރީލިޝް އެވެ. މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރީލިޝް ބުނީ ސިޓީގެ ދެވަނަ ގޯލަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ގޯލެއްގެ ވީޑިއޯ ބަލައިގެން ޖަހަން ބޭނުންވެފައި ހުރި ސްޓައިލެއްގެ ގޯލެއް ކަމަށެވެ.

އެންމެ ފަހުން އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި ޕެނަލްޓީޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލި މިޑްލްސްބަރާ އިން ރޭގެ މެޗު ކާމިޔާބުކުރީ ވެސް އިތުރުވަގުތުގައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޝް ކޮބާން އެވެ.

ޓޮޓެންހަމުން ވަރުގަދަ ޓީމަކާއެކު ނިކުތް މި މެޗުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ކާމިޔާބުކުރި ގޯލެއް އޮފްސައިޑްކަމަށް ނިންމައި، ބަލައިނުގަތެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ.