ކޮޕާ އިޓާލިއާގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނާ ދެކޮޅަށް އިންޓަ މިލާން ކުޅުނު ޑާބީ މެޗު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.
ސެން ސީރޯގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރީން މިވަގުތު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެދި މިލާން އަދި ޔޫކްރޭންގެ ފޯވާޑް އަންދްރޭ ޝެވްޗެންކޯ ގޮވާލާ މެސެޖެއް ބޮޑު ސްކްރީނުން ވަނީ ދައްކާފައެވެ.
ރޭގެ މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް މިލާނުން ތަނަވަސްކުރިއިރު، އެ ޓީމުގެ ފްރާންސް ވިންގްބެކް ތިއޯ ހެނާންޑޭޒް އާއި ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލެއާއޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ހެނާންޑޭޒް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށްދިޔައިރު ލެއާއޯ ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޮވިޗް މަތަކުރިއެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ފިއޮރެންޓީނާގެ ދަނޑުގައި އެ ޓީމުން ޔުވެންޓަސްއާ ދެކޮޅަށް ނިކުންނާނީ މިރޭ ރާއްޖޭގަޑިން 01:00 ގައެވެ.
