ދިރިއުޅުމުގެ ހަމަހަމަކަން ނެތިދާ ހާލަތްތަކާ އިންސާނާ ކުރިމަތިލައެވެ. އެގޮތުން ބައެއްމީހުން ކިތަންމެ ގިނައިން ކޭ ނަމަވެސް، ފަލަ ނުވާ ކަމާއި، އަނެއްބަޔަކު ކިރިޔާ އެތިކޮޅެއް ކާއިރަށް ފަލަވާ ކަމުގެ ޝަކުވާ ގިނަމީހުން ކުރެއެވެ. ހަގީގަތަކީ މިއީ ހަމަހަމަކަމުގެ މީޒާނުގައި ނަހަމައެއް ކަމުގައި ވިޔަސް، މިކަމަކީ ނިކަން އިންސާފުވެރިކަމާއި އެކީ އިންސާނާގެ ހަށިގަނޑުގައި ހިނގާ ކަމެކެވެ. އެހެންކަމުން މިއީ ހަގީގަތުގައި ޝަކުވާވެސް ކުރުމުގެ ފުރުސަތު އޮތް ކަމެއް ނޫނެވެ. މިފަދައިން ކިތަންމެ ގިނައިން ކައި އުޅުނު ނަމަވެސް ފަލަނުވާ މީހުން، ފަލަ ނުވަނީ ކީއްވެތޯ ގިނަ މީހުން ސުވާލު ކުރާނެއެވެ. މި ލިޔުމުގައި މިކަމުގެ މައްޗަށް ބަލައިލާނަމެވެ.
މަޝްހޫރު އޮންލައިން މަޖައްލާއެއް ކަމަށްވާ ލައިވްސައިންސްގައި 2020ވަނަ އަހަރު، އިޒޮބެލް ވައިޓްކޮމް ވަނީ މިކަމަށް އިޝާރާތްކޮށް ލިޔުމެއް ޝާއިއުކޮށްފައެވެ. މި ލިޔުމުގައި ބުނާގޮތުން މިކަން ބަރޯސާވާ ބައިވަރު ކަންކަން ހުރެއެވެ. އޭގެ ތެރޭގައި މީހާގެ ޖެނެޓިކްސްއާއި، ކާ ކާނާގެ ބާވަތްތަކާއި، މީހާގެ ހަށިގަނޑުގެ މެޓަބޮލިޒަމްއާއި އަދި މީހާގެ ދިރިއުޅުން ހިމެނެއެވެ. އެކި މީހުންގެ ކިބައިގައި ހުންނާނީ މިފަދަ އެކި ސަބަބުތަކެވެ.
އިޒޮބެލް ލިޔެފައިވާ ގޮތުން ބައެއްފަހަރަށް މިއީ ކުށްހީއެކެވެ. މަނައަކީ އަނެކާ ގިނައިން ކާ ތަން ފެންނަ ފެނުމަކީ ކުށްހީއެކެވެ. އެހެނީ ފަހަރުގައި އޭނާ އެވަގުތު ގިނައިން ކޭ ކަމުގައި ވިޔަސް، އެހެން ވަގުތު ތަކުގައި މަދުން ކައިފާނެއެވެ. ނުވަތަ ނުކައިވެސް ހުރެދާނެއެވެ. ތިމާގެ ބަރުދަން އިތުރުވަމުން ދާނަމަ، އަނެކާގެ އުޅުމަށް ފާރަލެވުމަކީ އިންސާނީ ޠަބީއަތެކެވެ. އެހެންކަމުން މިފަދައިން ފާރަވެރިވެވޭ އިރު ކުށްހީގެ މައްޗަށް ގޮތް ނިންމެއެވެ.
ގިނައިން ކޭ ނަމަވެސް ފަލަ ނުވެދާނޭ އަނެއް ސަބަބަކީ ކާ އެއްޗެހީގެ "ތާސީރެވެ". އިންސާނާގެ ހަޑިގަނޑު ބިޔަކޮށް ބަރު ކުރުމުގައި ކެލަރީސް އަކީ ބޮޑު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންކަމުން ގިނައިން ކާ މީހާ ފަލަ ނުވާނަމަ، އޭނާ ކާ ކާނާގައި ކެލަރީސް ހުންނަ މިންވަރު ނިސްބަތުން މަދު ކަމުގައިވެސް ވެދާނެއެވެ. އެހެނަސް ކުޑަ މިންވަރެއް ކާ މީހާ، އެ ކުޑަ މިންވަރުގައި، ގިނައިން ކޭ މީހާ އަށްވުރެ، ކެލަރީސްގެ ނިސްބަތް ގިނަނަމަ، މަދުން ކޭ މީހާގެ ހަށިގަނޑަށް އެނގުންވާ މިންވަރު އަވަސްވާނެއެވެ. އެހެނީ މަދުން ކޭ މީހާގެ ކެއުމުގައި ކެލަރީސް ހުރި މިންވަރު ގިނައިން ކޭ މީހާގެ ކެއުމުގައި ކެލަރީސް ހުރި މިންވަރަށްވުރެ ގިނަ ވީމައެވެ.
ދިރިއުޅުމުގެ ވައްޓަފާޅީގައި ހެލިފެލިވެ އުޅެ ބުރަމަސައްކަތް ކުރާ މީހާ ގިނައިން ކޭ ނަމަވެސް، ފަލަ ނުވެ ހުރެދާނެއެވެ. އެހެނީ އޭނާ ކޭ އެއްޗަކުން ހަށިގަނޑުގައި ޖަމާވާ އެއްޗަކަށްވުރެ ބޮޑަށް، ހަކަތައަށް ހޭދަކުރެވޭތީއެވެ. ނަމަވެސް މަދުން ކެވޭ މީހާއީ ހެލިފެލިވުން މަދު، ބުރަމަސައްކަތް ނުކުރާ މީހެއްނަމަ، އޭނާ ކޭ އެއްޗަކުން ހަށިގަނޑުގައި ޖަމާކުރާ މިންވަރު ގިނަވާނެއެވެ. ހަށިގަނޑުގައި ހުންނަ ބައެއްކަހަލަ ހޯމޯން ތަކުގެ ނަހަމަކަމުންވެސް މިފަދައިން ދިމައިވެދާނެއެވެ. ކެވޭ ނިސްބަތުން އަވަހަށް، ފަސޭހައިން ބަރުދަން އިތުރުވާމީހުން އުޅިދާނެއެވެ.
އިންސާނާގެ ޖެނެޓިކް ފެކްޓާއަކީ މިކަމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން 2019ވަނަ އަހަރު "ޕީ.އެލް.އޯ.އެސް ޖެނެޓިކްސް" އިން އާންމުކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ ބުނާގޮތުން، މިފަދައިން ހަށިގަނޑު ބޮޑުކޮށް ފަލަކޮށް ތިބޭ މީހުންގެ ޖީންސްގައި ހުންނަ ފެކްޓާތަކުގެ ތެރެއިން "އޮބޭސިޓީ" އަށް މަގުފަހި ކުރުވާ ފެކްޓާސްތައް ގިނައެވެ. އަދި މި މީސްމީހުންނަކީ އެމީހުންކާ ކެއުމުގެ މިންވަރު މަދު ކުރިނަމަވެސް ގިނައިން ކާ ބައެއް މީހުން ފަލަ ނުވާ ވަރަށް ފަލަވާ މީހުންނެވެ. މީގެ އިތުރުން އިޒޮބެލް ފާހަގަ ކުރާކޮތުގައި މިކަމުގައި އަދި އިތުރު ދިރާސާތައް ހެދުން އޮތީ ކުރިއަށް ކަމަށެވެ.
މި ބަލައިލެވުނީ އާންމުގޮތެއްގައި މިފަދަ މީހުންނަށް މިވާ ގޮތުގެ ކުރު ހުލާސާއަކަށެވެ. އެހެންކަމުން ބައެއް މީހުން ކިތަންމެ ގިނައިން ކޭ ނަމަވެސް ފަލަ ނުވެ ހުރެދާނެއެވެ. އަދި އަނެއްބަޔަކު ކިރިޔާ ކެއުމަށް އިތުރުކޮށްލިޔަސް ހަށިގަނޑުން އެކަން އެނގިދާނެއެވެ. އިސްވެ މި ބަލައިލެވުނީ އެކަމުގެ ބައެއް ސަބަބުތަކަށެވެ.
