ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް، ޞިއްޙީ ދާއިރާ ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްއިން އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން ނިންމައިފިއެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓްތައް ހިމެނޭހެން ޖުމުލަ 167 މަރުކަޒަށް މި ކިޓްތައް ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ. މިކަން ހާމަކޮށްފައި ވަނީ ހެލްތު މިނިސްޓަރ އޮނަރަބަލް އަޙްމަދު ނަސީމާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކަޓިވް އޮފިސަރ މިސްޓަރ ޚާލިދު އަލް ހަމާދީއާއި، ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އުރީދޫ އާއި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާ ބޭހޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.
އުރީދޫ އިން ބުނި ގޮތުގައި ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ޞިއްޙީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ މި ކިޓްތައް މިއަހަރުގެ ކުރީކޮޅުގައި ހެލްތް ސެންޓަރުތަކަށް ފޯރުކޮށްދެވޭނެއެވެ.
އުރީދޫ މޯލްޑިވްސް އަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަނޑުދަނޑި (ގްލޯބަލް ގޯލްސް)ގެ ގޮތުގައި ކަނޑައެޅިފައިވާ "ގުޑް ހެލްތު އެންޑް ވެލްބީންގ" ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށް ވެސް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން