ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެސްޓީއޯއިން ފިއުލް ޓެސްޓިންގް ލެބޯޓަރީއެއް ހުޅުވައިފިއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ޤާއިމުކުރެވިފައި ހުރި މި ލެބޯޓަރީ އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ޗެއާރމަން ހާމިދު ނަޝީދު މުޙައްމަދު އާއި މެނޭޖިންގ ޑިރެކްޓަރ ހުސެން ޢަމްރު އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ލެބޯޓަރީ އޮޕަރޭޓްކުރާނީ ޕްރޮޑަކްޓް ޓެސްޓިންގގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމުގައިވާ ޖީއީއޯ ކެމް މިޑްލް އީސްޓުންނެވެ. ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ޚަރަދުކޮށްގެން ހުޅުވާފައިވާ މި ލެބޯޓަރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖީއީއޯ ކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.  

އެސްޓީއޯ އިން އިތުރަށް ބުނި ގޮތުގައި މި ލެބޯޓަރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. ޚާއްޞަކޮށް އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެއެވެ. މީގެ އިތުރުން، މިލެބޯޓަރީ އިން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ-ޕެރަމީޓަރތައް  ވެސް ޓެސްޓްކުރެވޭނެއެވެ.  

 މި ލެބޯޓަރީ ހުޅުވުމާއި އެކު، ޖީ.ސީ.ސީ އެކްރެޑިޓޭޝަން ސެންޓަރ (ޖީ.އޭ.ސީ) އިން މި ލެބޯޓަރީ އަށް އައި.އެސް.އޯ އަދި އައި.އީ.ސީ 17025:2017 އެކްރެޑިޓޭޝަން ލިބިގެންދާނެއެވެ. އެހެންކަމުން މި ލެބޯޓްރީ ވެގެންދާނީ ރާއްޖޭގައި ހުޅުވޭ ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރާ ތަނެއްކަމަށާއި މި ލެބޯޓަރީ އިން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށް އެސް.ޓީ.އޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން ޚަރަދުކޮށްގެން މިފަދަ ލެބޯޓަރީއެއް ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.