އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން، އަނެއްކާވެސް ފަލަސްތީނުގެ ނުކުޅެދޭ ކުއްޖަކަށް ހަމަލާ ދީފިއެވެ. މީގެ ކުރިންވެސް އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ޑައުންސިންޑްރޯމް ހުންނަ ޒުވާނަކަށް އަނިޔާކޮށްފައެވެ.
މިފަހަރުގެ އިސްރާއީލުގެ ސިފައިންގެ ހަމަލާ ހަމާޒުވެފައިވަނީ އުމުރުން 11 އަހަރުގެ މުނައްވަރް ބުރްޣާން ނަމަކަށް ކިޔާ އަންހެން ކުއްޖަކަށެވެ. މިއީ އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ ކުޑަ ކުއްޖެއްކެވެ. ބުރްޢާނަށް ހަމަލާ ދީފައިވަނީ ސްޓަންޓު ގްރެނޭޑަކުންނެވެ. "އަލްޖަޒީރާއިން" އާންމު ކޮށްފައިވާ ވީޑިއޯ ފޮޓޭޖަކުން ފެންނަގޮތުގައި އެ ކުއްޖާ ކޮޅަށް ހުއްޓާ ކުއްލި ހަމަލައެއް އެކުއްޖާގެ މޫނަށް އަމާޒުވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ސްޓަންޓް ގްރެނޭޑެކެވެ. އެއާއި އެކު އެކުއްޖާ ވެއްޓޭތަން ފެނެއެވެ. ބުރްޣާން ވެއްޓުމާއި އެކު ކައިރީގައި ތިބި މީހުން ދުވެފައިގޮސް ބުރްޣާން، އަތްދަނޑިމައްޗަށް ލައިގެން ގެންދާމަންޒަރުވެސް ފެނެއެވެ. އަދި ބުރްޣާންގެ މޫނު މަތިން ލޭ ފައިބަމުންދާ ތަންވެސް ފެނެއެވެ.
މި ހަމަލާ ދީފައިވަނީ، ކީރިތި ރަސޫލާގެ އިސްރާ އާއި މިޢުރާޖްގެ ދަތުރުފުޅުގެ ތާރީޚާއި ގުޅިގެން އިސްލާމީ ޝުޢޫރުތައް ފާހަގަ ކުރުމަށް، ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލް އަޤްޞާގައި އެއްވެ އުޅެމުން ދިޔަ ވަގުތެއްގައެވެ. އިސްރާއީލުގެ ޔަހޫދީ ސިފައިން ވަނީ އެ އެއްވުމުގައި މުސްލިމުންނާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ކަރުނަ ގޭހާ، ސްޓަންޓު ގްރެނޭޑާ، ރަބަރު އުންޑަ ބޭނުންކޮށްފައެވެ.
ބުރްޣާނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ބުރްޣާނުގެ ދަތްދޮޅި ވަނީ ފަޅައިގެން ގޮސް، ކަތުރު ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި މޫނުގައި އެކިވަރުގެ އަނިޔާ ހުރި އިރު، ކަނދުރާއަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
