ކަދުރަކީ މީރު ފޮނި މޭވާއެކެވެ. ކަދުރަކީ އެ މޭވާއަކުން އިސްލާމުންގެ ވާޖިބެއްކަމުވައިވާ ރޯދަ ވީއްލުންވެސް މުސްތަޙައްބު މޭވާއެކެވެ. މިއީ އަނގަޔަށް މީރު، ކާ ހިތުން ކެވޭ، ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. ރޯކަދުރާއި ކަދުރު ހިއްކައިގެން ހިކިކަދުރުވެސް ކައި އުޅެއެވެ. ކަދުރަކީ މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކައި އުޅޭ މޭވާއެކެވެ. މެދު އިރުމަތީގެ ޤައުމުތަކާއި މެޑިޓްރޭނިއަން ސަރަހައްދުގައި ގިނައިން ހެދޭ ކަދުރަކީ އޭގެ ބާޒާތުތައް ބޮޑު، އޭގެ ވިޔަފާރި ފުޅާ މޭވާއެކެވެ. މި ލިޔުމުގައި މި ބަލާލަނީ ކަދުރުން ލިބޭ ބައެއް ސިއްޙީ ފައިދާ ތަކަށެވެ.

ކަދުރުން ލިބޭ ފައިދާތަކާ ބެހޭގޮތުން ރެޖިސްޓަރޑް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ނިކޯލާ ޝުބްރޫކް ވަނީ 2021ގައި ބީ.ބީ.ސީ ގައި ލިޔުމެއް ޝާއިޢު ކޮށްފައެވެ. އެ ލިޔުމުގައި ކަދުރުން ލިބޭ މައިގަނޑު ފަސް ފައިދާއަކަށް ވަނީ އަލިއަޅުވާލާފައެވެ. ބީ.ބީ.ސީ ގައި ޝުބްރޫކް ލިޔެފައިވާ ގަޮތުން، ކަދުރުގެ ކޮންމެ 30 ގުރާމެއްގައި ހުންނަ ވިޓަމިންތައް ވަނީ ހިމަނާފައެވެ. އެގޮތުން ކަދުރުގެ ކޮންމެ 30 ގުރާމަކުން 1 ގުރާމަކީ ޕްރޮޓީންއެވެ. 0.1 ގުރާމަކީ ފެޓުގެ މާއްދާއެވެ. 20.4 ގުރާމަކީ ކާބޯހައިޑްރޭޓްސްއެވެ. 20.3 ގުރާމަކީ ހަކުރުގެ މާއްދާއެވެ. 1.6 ގުރާމަކީ ފައިބަރެވެ. 210 މިލިގުރާމަކީ ޕޮޓޭސިއަމްއެވެ. މީގެ އިތުރުން އަދިވެސް އެހެން މާއްދާތައް އެކުލެވިގެންވާނެއެވެ.

ހަށިގަނޑުގައި ހުންނަ ވިހަ ނުވަތަ ބޭކާރު މާއްދާތައް ހަށިގަނޑުން ނައްތާލުމަށަ އެންޓިއޮކްސިޑަންޓްސަ އަކީ މުހިންމު މާއްދާއެކެވެ. ކަދުރުގައި އެންޓިއޮކްސިޑަންޓުގެ ތިން މާއްދާ ހިމެނެއެވެ. އެއީ ޕޮލީފެނޮލްސް އާއި ކެރެޓަނޮއިޑްސް އަދި ލިގްނަންސްއެވެ. ޝުބްރޫކް ފާހަގަ ކުރާ ގޮތުގައި އެންޓިއޮކްސިޑަންޓުގެ މި މާއްދާތަކުން، ދިގު މުއްދަތުން ޖެހޭ ބަލިތަކުން އިންސާނާ ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. އެފަދަ ބައެއް ބަލިތަކުގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި، ހަކުރު މައްޗަށް ދިއުމާއި ކޮލެސްޓްރޯލުމަތިވުން ފަދަ ބަލިތައް ހިމެނެއެވެ.

ކަދުރަކީ މައިދާ އާއި ގޮހޮރަށް ފައިދާ ހުރި މޭވާއެކެވެ. އަދި ހަޖަމުގެ ނިޒާމު "ސުލްހަ" ކުރުމުގައި ބޮޑު ދައެއް އަދާކުރާ މޭވާއެކެވެ. އެހެނީ ކަދުރުގައި ހުންނަ ފައިބަރުގެ މާއްދާއާއި އަދި އެނޫންވެސް އެފަދަ މުހިންމު އެހެން މާއްދާތަކުގެ ސަބަބުންނެވެ. ދުވާލުގެ ވަގުތު ހައިހޫނު ކަމުގައި ހުރެ ރޯދަ ވީއްލާއިރު ކަދުރަކުން ރޯދަ ވީއްލުމަށް މާތް ރަސޫލާ އިރުޝާދު ދެއްވާފައިވުމުގައި ޙިކުމަތްތަކެއް ވާނެއެވެ. ކަދުރަކީ އޭގެ ސަބަބުން ހަށިގަނޑުގައި ވަރުޖެހި، ކުއްލިގޮތަކަށް ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އެއީ ކަދުރުގައި ހުންނަ ކާބޯހައިޑްރޭޓުގެ މާއްދާއާއި ހަކުރުގެ މާއްދާގެ ސަބަބުންނެވެ.

ކަށީގެ ދުޅަހެޔޮކަމަށްވެސް ކަދުރަކީ ބޮޑު މަދަދުގާރެކެވެ. ކަދުރުގައި ހުންނަ ފޮސްފަރަސް، ޕޮޓޭސިއަމް، ކެލްސިއަމް، މެގްނީޒިއަމް އަދި ވިޓަމިން ކޭ އަކީ ކަށީގެ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނޭ މާއްދާތަކެކެވެ.

ނިއުޓްރިޝިއަންޓް ޝުބްރޫކް ފާހަގަ ކުރާގޮތުގައި ކަދުރުގައި ހުންނަ މާއްދާތަކުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ހުންނަ "އޮކްސިޓޯސިން" ނަމަކަށް ކިޔާ ހޯމޯނެއްގެ މަސައްކަތް އިތުރުކޮށްދީ ފަހިކޮށްދެއެވެ. މި ހޯމޯނަކީ މާބަނޑު އަންހެނުންގެ ދޮރު ހުޅުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ބޭހާއި ނުލާ އަންހެނާގެ ރަހިމުގެ ދޮރު ހުޅުވޭނަމަ އެއީ ވޭން ކުޑަ ވިހެއުމަކަށް ވެދާނެއެވެ. އެހެންކަމުން ޤުދުރަތީ ވިހެއުމަކުން ވިހެއުމަށްވެސް ކަދުރު އެހީތެރިވެދެއެވެ.

އާދޭހެވެ! ކަދުރަކީ އިންތިހާއަށް ފޮނި މޭވާއެކެވެ. އަދި އޭގައި ގަކުރުގެ މިންވަރު ގިނަވެސް މޭވާއެކެވެ. ނަމަވެސް ޝުބްރޫކް ފާހަގަ ކުރާގޮތުގައި ކަދުރުގައި ހުންނަ ހަކުރުގެ މާއްދާއަކީ ގްލައިސީމިކް އިންޑެކްސް ދަށް ހަކުރެކެވެ. އަދި ފްރަކްޓޯސް ވެސް މަދު ހަކުރެކެވެ. އެހެންކަމުން އެހެން ފިނި ކާ އެއްޗެހީގެ ސަބަބުން ހަށިގަނޑުގައި ޖަމާވާ ހަކުރުގެ މިންވަރު، ކަދުރުގައު މަދުވާނެއެވެ. ހަށިގަނޑުވައި ޖަމާވުމުގެ ބަދަލުގައި މި ހަކުރުތަކުގެ މިންވަރުން ބޮޑު ބައެއް ހޭދަކުރާނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމަށެވެ.

ކަދުރުން މިހިރަ މިހިރަ ފައިދާތައް ލިބޭކަމީ ކަދުރު ކެއުމަށް އަހުލުވެރިވާންވީ ސަބަބެކެވެ. ހަމަ އެކަނި ރޯދަ ވީއްލަން ކާ މޭވާއެއްގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ކައި އުޅޭ މޭވާއަކަށް ކަދުރު ހަދާށެވެ.